ދިވެހި ފަތުރުވެރިކަމުގެ ކޮލިޓީ އާއި އިތުބާރު ހިފެހެއްޓުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް އަދި ޤައުމީ ވާޖިބެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރި ފަހުން 50 އަހަރު ފުރުން ފާހަގަކުރަން، މިރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއާ މެދު ފަތުރުވެރިން ޝައުގުވެރިވާ ސިފަތައް އެ ގޮތުގައި ދަމަހައްޓަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިޖަޒީރާތަކަށް ފަތުރުވެރިން ޝައުޤުވެރިކުރުވާ އެންމެ މުހިންމު ސިފަތަކަކީ، ދިވެހިންގެ މެހްމާންދާރީ އާއި މިރާއްޖޭގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ކަމަށެވެ. އެ މަތިވެރި ޒިންމާއަށް ދިވެހި ހުރިހާ ރައްޔިތުން ވެސް ސަލާމުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ފަތުރުވެރިކަމުން ރާއްޖޭގެ އިޤްތިޞާދަށް އައި ކުއްލި ބަދަލާއި، ރާއްޖޭގެ ތަރައްޤީގައި ފަތުރުވެރިކަން އަދާކުރާ ދައުރަށް ބަލާއިރު، 50 އަހަރުވެގެން ދިޔައިރު، ފަތުރުވެރިކަމުގެ ޤައުމީ ދުވަހެއް ފާހަގަނުކޮށް އޮތީ ކޮން ސަބަބަކާ ހުރެތޯ އެމަނިކުފާނުގެ ހިތުގައި ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.

"50 އަހަރު ފަހުން ވިޔަސް، އެކަން ކުރަން ފެށުމަކީ ހެޔޮ ފާލެއްކަމުގައި އަޅުގަނޑު ދެކެން. އެހެންކަމުން، ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖައްސަވައި، މި ސިނާއަތުގެ ހުރިހާ ފަންތިއަކާއި ހުރިހާ ގިންތިއެއްގެ ބޭފުޅުން އެއްތަން ކުރައްވައި، އެ ބޭފުޅުންގެ އަގުވަޒަންކުރެއްވި ކަމަށްޓަކައި، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމަށާއި، މަޓީގެ ޗެއާމަން އެމްޔޫ މަނިކަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ބާޒާރުގައި އިޝްތިހާރުކުރުމަށް، އެމްއެމްޕީއާރްސީން ކުރަމުން އަންނަ ބުރަ މަސައްކަތްތައް ވެސް ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ބައިވެރިވި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށާއި މަޓީގެ ބޯޑާއި މުވައްޒަފުންނަށް ވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ. އަދި އެކަމުގައި ޝާމިލުވި އެ ދާއިރާގެ ޖަމްޢިއްޔާތަކަށް ވެސް ޚާއްސަ ޝުކުރެއް ދެންނެވި އެވެ.ރާއްޖޭގައި މީހުން ވަޒަންވެރިވެ ދިރިއުޅެމުން އަންނަތާ ދެ ހާސް އެތައް އަހަރެއްވެއްޖެއެވެ. ރާއްޖޭގެ 1100 އަށް ވުރެ ގިނަ ރަށުގެ ތެރެއިން މީހުން ދިރިއުޅެމުން މިއަންނަނީ، އެންމެ 186 ރަށުގައެވެ. ރާއްޖޭގައި ފަތުރުވެރިކަން ތަޢާރަފްވިތާ މާދަމާ އަށް 50 އަހަރު ފުރޭއިރު، ރާއްޖޭގައި މިހާރު ހިނގަހިނގާ އޮތް 166 ރިސޯޓް އެބަ އޮތެވެ.

ރައީސް ވިދާޅުވީ އަދިވެސް އިތުރު ރަށްތައް އެ އަންނަނީ ރިސޯޓްގެ ގޮތުގައި ތަރައްގީކުރަމުން ކަމަށާއި އެ ރިސޯޓްތައް ހުޅުވުމުން، ރާއްޖޭގެ ރިސޯޓްތަކުގެ އަދަދު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ އަދަދާ ދާދި އަވަހަށް އަރައި ހަމަކުރާނެ ކަމަށެވެ.

އެ ބަދަލާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާގެ އެތައް ފުރުޞަތެއް ހުޅުވިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް. ފަތުރުވެރިކަން ފުޅާވެގެންދާއިރު، އެކަމުގެ ޙަޤީޤީ މަންފާ ލިބޭނީ، ތަޢުލީމީ ދިވެހި ޒުވާނުންނާއި، ފަތުރުވެރިކަމާ ގުޅުން ހުރި ފަންނީ ދާއިރާތަކުން މީހުން އުފައްދައިގެން،" ރައީސް ވިދާޅުވި އެވެ.