މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އާއި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދު ދެމެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެ ދެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ މ. ލެގޫން ވިއު، އިސްމާއީލް އަބްދުއްރަހީމް (އިސޫ) 30، އާއި މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) 39، އާއި މާލޭ ދަފްތަރު، އަހްމަދު މުއާޒް (ގަޓު މުއާ) 40ގެ މައްޗަށެވެ.

މިހާތަނަށް މި މައްސަލައިގައި ތިން އަޑުއެހުމެއް ބާއްވާފައި ވާއިރު، ދެ ވަނަ އަޑުއެހުމުން ފެށިގެން އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އެމީހުންގެ ބަންދުގެ މުއްދަތު ދަމަހައްޓާފައިވަނީ އެންމެ ފަހުން ބޭއްވި މައްސަލައިގެ އަޑުއެހުމުގަ އެވެ.

އެ ތިން މީހުންގެ ތެރެއިން އިސްމާއީލް އަބްދުއް ރަހީމް (އިސޫ) އަށް ދެ ދައުވާ އުފުލާފައިވެ އެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއްކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ އުފުލާފައި ވަނީ ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރު އޭނާއަށް ފާރަލައި ރަހީނުކޮށް އަދި މަރާލުމުގައި އެހީތެރިވެދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ. އެ މީހުންގެ މައްޗަށް ދައުވާ އުފުލީ ކުރީގެ ޓެރަރިޒަމް ގާނޫނުގެ ދަށުންނެވެ.

އޭނާގެ މައްޗަށް ކުރި ދެވަނަ ދައުވާއަކީ ޔާމީންގެ ބްލޮގާއި އެކި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓްކުރަމުންދާ ކަމަށް ބުނެ އޭނާއަށް ފާރަލައި މަރާލުމަށްޓަކައި 2017 ވަނަ އަހަރު ފާރަލައި އެހީތެރިވެދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އެވެ.

އަހުމަދު އިސްމާއީލްގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް އެ ދައުވާ އުފުލީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމުކޮށްފައިވާތީ އާއި އޭނާ އާއި އޭނާގެ ބައިވެރިން ރާވާފައިވާގޮތުގެ މަތިން އެހެން ބަޔަކު މެދުވެރިކޮށް، ރިލްވާން ރަހީނުކޮށް މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

މީގެ އިތުރުން ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި އޭނާއަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް އެކަން ކުރުމަށް އެހީތެރިވެދީފައިވާތީ ޓެރަރިޒަމްގެ އަމަލެއް ކުރަން އެހީތެރިވެދީފައިވާ ކަމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ އުފުލާފަ އެވެ.

ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ގަޓު މުއާގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 24 ވަނަދުވަހު އެވެ.

ރިލްވާން ރަހީނު ކުރި މައްސަލާގައި މީގެކުރިން ތިން މީހަކަށް ދައުވާ ކޮށްފައިވެ އެވެ. އޭގެތެރެއިން ދެ މީހަކަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ. ތިން ވަނަ މީހާ ސީރިއާ ހަނގުރާމައިގައި މަރުވެފައިވާ ކަމަށް މަރު ކޮމިޝަނުން ބުނެ އެވެ.

ޔާމީން ރަޝީދު މަރާލިކަން ދެ މީހެއްގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. އެ ދެ މީހުން އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.