ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް، ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެއާ ބަޙްރައިންގެ ގުޅުން ބަދަހިކުރުމާގުޅޭ ހަތަރު އެއްބަސްވުމެއް މިއަދު ބަދަލުކުރައްވައިފިއެވެ.

މި އެއްބަސްވުންތައް ބަދަލު ކުރެއްވުމަށް، ބަޙްރައިންގެ އަލް ޤުޟައިބިއްޔާ ޕެލަސްގައި ބޭއްވި ރަސްމިއްޔާތުގައި، ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި، ބަޙްރައިންގެ ރަސްގެފާނު، ޙަމަދު ބިން ޢީސާ އަލް ޚަލީފާ ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންސް" އަކީ، ބައިނަލްއަޤުވާމީ ގުޅުންތަކާއި ގުޅޭ ގޮތުން ދެގައުމުގެ މެދުގައި ޚިޔާލާއި މަޝްވަރާ ބަދަލު ކުރުމާއި ގުޅޭ އެއްބަސްވުމެކެވެ.

މީގެ އިތުރުން ބަދަލު ކުރެވުނު އަނެއް އެއްބަސްވުމަކީ، "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ ފޮރ ކޯޕަރޭޝަން އޮން ޑިޕްލޮމެޓިކް ޓްރެއިނިންގ އެންޑް އެކްސްޗޭންޖް އޮފް އިންފޮރމޭޝަން އެންޑް ޑޮކިއުމެންޓޭޝަން" އެވެ. މިއީ ބަޙްރައިންގެ މުޙައްމަދު ބިން މުބާރަކް އަލް ޚަލީފާ އެކެޑަމީ ފޯރ ޑިޕްލޮމެޓިކްސް ސްޓަޑީޒް އާއި ރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓާއި ދެމެދު ވެނުނު އެއްބަސްވުމެކެވެ.

މިއަދު ބަދަލު ކުރެވުނު ތިންވަނަ އެއްބަސްވުމަކީ، "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކޯޕަރޭޝަން އިން ދި އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް" އެވެ. މިއީ ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ.

މީގެ އިތުރުން މިއަދު ވަނީ، "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކްލައިމެޓް ޗޭންޖް"، މޫސުމީ ބަދަލުތަކާއި ގުޅޭ ގޮތުން ދެޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްވެސް ބަދަލު ކުރައްވާފައެވެ.

މިއަދު ބަދަލު ކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން، "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް" ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފެވެ. އެހެން އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދެވެ.

މި ރަސްމިއްޔާތުގައި ވަނީ އިތުރު ދެ އެއްބަސްވުމެއް ވެސް އިއުލާނު ކުރައްވާފައެވެ. ފުރަތަމަ އެއްބަސްވުމަކީ، ބަހްރެއިންގެ ގްލޯބަލް ސީ-ޓު-އެއަރ ލޮޖިސްޓިކްސް ހަބުގައި ސީ-ޓު-އެއަރ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ހިމެނުމާއި ގުޅޭ އެއްބަސްވުމެކެވެ. ދެވަނަ އެއްބަސްވުމަކީ ބަޙްރައިންގައި ހުންނަ ޑޭޓާ ސެންޓަރުތަކުގައި، ދިވެހިސަރުކާރުގެ މައުލޫމާތު ރައްކާކޮށް، އަމިއްލައަށް ބެލެހެއްޓުމަށް ބަހުރައިނުން ފުރުޞަތުދިނުމުގެ އެއްބަސްވުމެކެވެ.

މިއެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން ޢީސާ އަލް ޚަލީފާ ވަނީ ޤުޟައިބިއްޔާ ގަނޑުވަރުގައި ބައްދަލުކުރައްވާފައެވެ.