މަދިރި އާލާވެ ޑެންގޫ ފެތުރުން އާންމުވާން ފަށައިފި ކަމަށާއި ޑެންގޫ ހުމަށް ރައްކާތެރިވުމަށް ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް އިލްތިމާސްކޮށްފި އެވެ.

މި ދުވަސް ވަރަކީ ރާއްޖެއަށް ވިއްސާރަ މޫސުމަކަށްވާއިރު، ޑރ. ފައިސަލް މިއަދު އާންމުކުރި ޓުވީޓެއްގައި ވަނީ މަދިރި އުފެދޭ ތަންތަން ނައްތާލައި، އުދުހޭ އެއްޗެހި މަރާލުމަށާއި، ހެފިޔަ ނުދީ، މަދިރި އާލާވާނެ ތަންތަނާއި ތަކެތި ނައްތާލުމަށް އިލްތިމާސްކޮށްފަ އެވެ.

އޭގެ އިތުރުން ޑރ. ފައިސަލް ވިދާޅުވީ ޑެންގޫ ހުމުގަ އާއްމުކޮށް 4-6 ދުވަހަށް ގަދަ ހުމެއް އަންނަ ކަމަށެވެ.

ޑރ. ފައިސަލްގެ ޓްވީޓުގައި އާންމުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕޮރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަން ފަށާފައިވާ ޕާކު ސާފުނުކުރުމާ ގުޅިގެން ގިނަ އަދަދެއްގެ މަދިރި އާންމުވެފައިވާކަން ފާހަގަކޮށް އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭގެ އިތުރުން މިދުވަސްވަރު ޑެންގޫ އާންމުވުމުން، މިއީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަންވާނެ ކަމެއް ކަމަށް ވެސް އާންމުން ފާހަގަކޮށްފައިވެ އެވެ.