ޗާގޯސް މައްސަލައިގައި ސަރުކާރުން މިހާތަނަށް ގެންގުޅުނު ސްޓޭންޑް ބަދަލުކޮށް މޮރިޝަސްއަށް ތާއީދުކުރަން ނިންމުމާ ގުޅިގެން އިދިކޮޅުން ކުއްލި މައްސަލައެއް ހުށައަޅައިފި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށައެޅުއްވި ކުއްލި މައްސަލައިގައި ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަކަށް ހަދަން ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ކޯޓުގައި އެގައުމުން ކުރާ ދައުވާގައި މޮރިޝަސްއާ އެއްކޮޅަށް ރާއްޖޭގެ ސިޔާސަތު ދީލައިނުލަން ގޮވާލާފައިވެ އެވެ.
އާދަމް ޝަރީފް ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސްއިން ކުރާ ދައުވާ އެގައުމާ އެއްކޮޅަށް ނިމިއްޖެ ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭނެ ކަމަށާއި އެ މައްސަލައިގައި މޮރިޝަސްއާ ދެކޮޅު ސިޔާސަތެއް ރާއްޖޭން މީގެ ކުރިން ދެމެހެއްޓީ އެ ސަބަބާ ހެދި ކަމަށެވެ.
"ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނިންމި މައްސަލައިގެ ގެއްލުން ލިބޭ އެއް ހަސްމަކީ ދިވެހިރާއްޖެކަމަށްވާއިރު، އެ ނިންމުމަކީ ރާއްޖެއަށް އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބޭގޮތަށް ނިންމާފައިވާ ނިންމުމަކަށް ވާތީވެ، ދިވެހިރައްޔިތުންގެ އެންމެ މަތީ މަސްލަހަތާ ގުޅުންހުރި އެފަދަ މައްސަލައެއްގައި ސަރުކާރުން ގޮތެއް ނިންމަންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ގެ (93) ވަނަ މާއްދާގެ (ހ) ގައިވާގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެމަޖިލީހުން ފާސްކުރުމަށްފަހު މަޖިލީހުން ނިންމާގޮތެއްގެމަތިން" މައްސަލައިގައިވެ އެވެ.
ޗާގޯސްއަކީ ކަނޑުގެ ދިރުންހުރި، މަސް އާލާވާ ސަރަހައްދަކަށްވާއިރު، ޗާގޯސްގެ މައްސަލައަކީ ރާއްޖޭގެ ސިޔާސީ، ސިޔާދަތީ، ހާރިޖީ، އިގްތިސާދީ އަދި ސިޔާދަތީ ބާރުތަކާއި މަސްލަހަތުތަކާ ނުހަނު ގުޅުންހުރި މައްސަލައަކަށްވާތީވެ، ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ރާއްޖެއަށް ގެއްލުން ލިބޭފަދަ ގޮތަކަށް ސަރުކާރުގެ ސްޓޭންޑާއި ސިޔާސަތު ބަދަލުކޮށްފައިވާ މައްސަލަ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، މިކަމުގެ ފުރިހަމަ ތަފުސީލު ރައްޔިތުންނަށް ހާމަކޮށްދިނުމަށާއި ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ކޮޑި އިންޗިއެއް ވެސް ގެއްލޭގޮތަށް ދިވެހި ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލު ނުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވެފައިވެ އެވެ.