ނ. ވެލިދޫން ފުރައިގެން ށ. ގޮއިދޫއަށް ދަތުރުކުރަމުންދިޔަ "ހައިޝަމް" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ކުޅުދުއްފުށީގެ ދޯންޏެއް ކަމުގައިވާ "ހައިޝަމް" ދޯނި ދިޔަވެ އަޑިއަށް ގޮސްފައި ވަނީ ށ. ބޮޑުޅައިމަންދޫ ކައިރިއަށެވެ.

މި ހާދިސާގެ މައުލޫމާތު މިއަދު 11:13 ހާއިރު ކޯޓްގާޑަށް ލިބުމާއެކު ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަ ކްރާފްޓް ލޯންޗާއި ށ. ފުނަދޫގައި އޮންނަ ސީ އެމްބިއުލާންސް ވަނީ އެ ސަރަހައްދަށް ގޮސްފައިކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ހަތަރު ދިވެހީންނާއެކު ދަތުރުކުރި 70 ފޫޓްގެ މި ދޯނި ދިޔަވެ އަޑިއަށްދާން ފެށުމުން އެ ދޯނި ވަނީ ށ. ބޮޑުޅައިމަންދޫ ފަރާ ކައިރިކޮށްފަ އެވެ.

މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ގިނަ އަދަދެއްގެ މުދާހުރި މި ދޯނިން އޮޔާ ދިޔަ ގޭސް ފުޅިތައް ނޮދަން އޭރިއާ ފަސްޓް ސްކޮޑްރަންގެ ހާބަ ކްރާފްޓް ލޯންޗުން ވަނީ ހޮވާފަ އެވެ.

މި ދޯންޏަށް އެހީތެރިވުމުގެ މަސައްކަތުގައި ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.