މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯދުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާލޭގައި ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި އެވެ.

ރައީސް ސޯލިހު ޑޯޓްޑޯ ފެއްޓެވީ މާފަންނު އުތުރު ދާއިރާ އިންނެވެ. އެމަނިކުފާނު ވަނީ އެ ދާއިރާގެ ބައެއް ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ހާލު ބައްލަވާފަ އެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުގެނައުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ދޭން ވައުދުވި 5،000 ގޯތި ކަނޑާ، އިން ވަކިކޮށް މިއަހަރުގެ މެދުތެރޭގައި ހަވާލުކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު މާލޭގައި ޑޯޓްޑޯ ކުރިއަށްގެންދަވަނީ

ރައީސް ސޯލިހު މިއަދު މާލޭގައި ޑޯޓުޑޯ ފެއްޓެވީ އަތޮޅު ތެރޭގެ ބައެއް ރަށްތަކަށް ފާއިތުވި ދުވަސްތަކުގައި ވަޑައިގަތުމަށްފަހު އެވެ. އެގޮތުން އެމަނިކުފާނު ވަނީ ރ. އަތޮޅާއި ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން އެރަށްތަކުގައި ޑޯޓުޑޯ ކުރިއަށްގެންދަވާފަ އެވެ.

އެމަނިކުފާނާ ވާދަވެރި ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ އަތޮޅުތެރޭގައި ކެމްޕެއިން ކުރައްވަމުންނެވެ. ނަޝީދު ވެސް ގެންދަވަނީ ރަށްރަށުގައި ޑޯޓްޑޯ ކުރިއަށްގެންދަވަމުންނެވެ.