ރާއްޖޭގެ ދީނީ ޢިލްމުވެރިން ސިޔާސީ މަޝްރަހުގައި ތިބުމަކީ މުހިންމު ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ރާއްޖޭގައި 30 އަހަރު ވެރިކަންކުރި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ބައެއް ކަންކަމުގައި އިލްމުވެރިން ހިޔާލު ތަފާތުވިކަން ފާހަގަކުރައްވާފައިވެ އެވެ. އެހެންނަމަވެސް ވެރިކަމާ އެމަނިކުފާނު ހަވާލުވިއިރު ރާއްޖެ އޮތް ގޮތާއި އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖެ ވާސިލްކޮށްދެއްވި ހިސާބު އިނގޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.
އެކަމަށް އިޝާރާތްކުރައްވައި ޝަހީމް ވިދާޅުވީ ދީނީ އިލްމުވެރިންގެ ތެރެއިން ބައެއް ފަރާތްތަކުން އުޅުއްވަނީ ސިޔާސީ ޝަހްސިއްޔަތު އުޅޭ ގޮތްތަކަށް ނޫން ކަމަށެވެ.
ހަމައެހެންމެ މިއަދު ދިމާވެގެން އުޅޭ މައްސަލައަކީ ދީނީ އިލްމުވެރިން ސިޔާސީ ވުމެއް ނޫން ކަމަށާއި، މިހާރު ފާޅުވަމުން ދަނީ ބޭނުންވާ ހާލަތަކާ ގުޅިގެން އެކްޓިވިސްޓް ސްޓައިލަށް ދީން ބޭނުން ކުރާ މީހުން ކަމަށް ޑރ. ޝަހީމް ވިދާޅުވެފައިވެ އެވެ.