މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމަަށް ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ވޯޓުލުމަށް މަދުވެގެން 30 މީހުން އަދި ބޭރު ގައުމެއްގައި ވޯޓުލުމަށް 150 މީހުން ރަޖިސްޓަރީ ކޮށްފި ނަމަ އެ ތަނެއްގައި ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަނުން މީގެ ކުރިން ވޯޓުފޮށި ބަހައްޓާފައި ވަނީ މަދުވެގެން 50 އަދި 100 މީހުން ވޯޓުލާން ރަޖިސްޓްރީކުރާ ތަންތަނުގަ އެވެ.
އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ މިއަދު ވިދާޅުވީ ވޯޓު ފޮށި ބަހައްޓާނެ ރިސޯޓުތަކާއި ގައުމުތަކުގެ އަދަދު ކަނޑައެޅޭނީ ވޯޓުލާން ރަޖިސްޓްރީކޮށް ނިމުމުންނެވެ.
"އިލެކްޝަން ކޮމިޝަންގެ ބޭނުމަކީ ވީހާ ވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު ވޯޓުލުމުގެ ފުރުސަތު ދިނުން. އެގޮތުން ރިސޯޓުތަކުގެ ތެރެއިން 30 މީހުން ރަޖިސްޓްރީ ތަންތަނުގައި ވޯޓު ފޮށި ބަހައްޓާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ އިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ 150 މީހުން ހަމަވާ ގައުމުތަކުގައި އަދި ރާއްޖޭގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ހުންނަ ނަމަ އެވެ.
އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައި ވަނީ އަންނަ ޖުލައި މަހުގެ ތެރޭގަ އެވެ. އަދި އިންތިހާބަށް ކުރިމަތިލާން 14 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
އީސީން ބުނީ ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް ރަޖިސްޓަރީކުރަން އަންނަ ޖުލައި 16 އިން އޮގަސްޓް 5 ވަނަ ދުވަހާ ހަމައަށް ހުޅުވާލާނެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ މަސައްކަތްތަކަށް 265 މުވައްޒަފުން ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ.