ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންތޮނިޔޯ ގުތެރޭޝްއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ތިން ގައުމަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ގަތަރަށް ވަޑައިގެން އެ ގައުމުގެ ވެރިރަށް ދޯހާގަ އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލްއާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި އދ އާއި އދ. ގެ އެޖެންސީތަކުގެ ދައުރާއި އެހީތެރިކަމުގެ މައްޗަށް ބައްލާވާލެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ސޯލިހު ތިން ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ގަތަރުގެ ދޯހާއަށް ވަޑައިގެންފައިވާއިރު، ގަތަރުގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އދ. ގެ 5 ވަނަ ކޮންފަރެންސްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.

ގަތަރަށްފަހު ރައީސް ސޯލިހު ސާބިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ޖަރުމަނަށް ވަޑައިގެން އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފަ އެވެ.