ދިވެހި ރާއްޖޭގައި ހިނގާ ޚިޔާލީ ލޯބީގެ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އިނގިރޭސި ފިލްމެއް ނެރެފި އެވެ.

އެމެރިކާގެ އެންޓަޓެއިންމަންޓް ޗެނަލްއެއް ކަމަށްވާ "ހޯލްމާކް"އިން އުފައްދައި ނެރުނު މި ފިލްމުގައި ފެނިގެން ދަނީ ރާއްޖޭގެ ތާރީޚާ ބެހޭގޮތުން އޮޅުން ފިލުވަން އަންނަ ނޫސްވެރިޔަކާއި އެ ދަތުރުގައި އޭނާ އައިސް ހުންނަ ރިސޯޓުގެ މެނޭޖަރަކާ ދެމެދު ހިނގާ ލޯބީގެ ވާހަކަ އެކެވެ.

އެގޮތުން ރާއްޖޭގައި އަޑިއަށް ދިޔަ ބޯޓެއްގެ ދިރާސާ ކުރުމުގެ ތެރޭގައި ފިލްމުގެ ބަތަލާ "ރޭ" އާއި އެ ރިޒޯޓުގެ ގެސްޓް ރިލޭޝަންސް މެނޭޖަރާ ދެމެދު ގާތް ގުޅުމެއް އުފެދެ އެވެ. ފިލްމުގައި ދެން ފެނިގެން ދަނީ ރޭގެ ވަޒީފާ އާއި އޭނާގެ ލޯބީގެ ތެރެއިން އެކައްޗެއް ޚިޔާރު ކުރަން ޖެހުމުން ދިމާވާ ކަންކަމެވެ.

"ލަވް އިން ދަ މޯލްޑިވްސް"ގެ މަންޒަރެއް

މި ފިލްމުގެ ފިރިހެން ލީޑު ރޯލުން އިނގިރޭސި ޓީވީ ތަރި ޖޭކް މޭންލީ ފެނިގެންދާއިރު، އަންހެން ތަރިއަކީ ޖޮސެލީން ހަޑަން އެވެ. ނޫސްވެރިޔާ ރޭގެ ބައި ކުޅެނީ ޖޮސެލިން އެވެ.

މި ފިލްމުގެ ތެރެއިން ރާއްޖޭގެ ގުދުރަތީ ރީތިކަން ވަރަށް ރީތިކޮށް ފެނިގެން ދާއިރު ސަޕޯޓިން ބައެއް ރޯލުތަކުން ދިވެހިން ވެސް ފެނިގެންދެ އެވެ.

މި ފިލްމު މިހާރު އާއްމުންގެ ތެރެއަށް ދޫކޮށްލާފައިވާއިރު ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ޗެނަލުން ބުނެ އެވެ.

ހޯލްމާކްއަކީ ކުރު ވާހަކަތަކަށް ބިނާކޮށް ބަޖެޓް ފިލްމުތައް އުފެއްދުމަށް މަޝްހޫރު ޗެނަލެކެވެ.