ފެންނަ ފެނުމަށް ބެއްލާ ހަދީދްއަކީ ދުނިޔޭގެ އެންމެ ކާމިޔާބު އަދި މަގްބޫލު އެއް މޮޑަލް އަދި ސެލެބްރިޓީ ކަމަށް ބުނެވިދާނެ އެވެ. އެހެން ނަމަވެސް ލޮލުން ފެންނަ ފެނުމަކީ އަބަދު ހަގީގަތަކަށް ނުވާ ކަމަށް ބެއްލާ މިވަނީ ބުނެފަ އެވެ.

މިފަހުން ޓިކުޓޮކްގައ ކުރި ޕޯސްޓެއްގައި ބެއްލާ ވަނީ އޭނާ ވަރަށް މަދުން ނޫނީ ނުދައްކާ ވާހަކައެއް ހިއްސާކޮށްފަ އެވެ. އެއީ އޭނާގެ ސިއްހީ ހާލަތުގެ ވާހަކަ އެވެ.

ދުނިޔެއަށް އުފާވެރި މޫނެއް ދެއްކި ކަމުގައި ވިޔަސް އޭގެ ފަހަތުގައި އޭނާ އުޅެން ޖެހިފައިވަނީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ގިނަ އުނދަގޫތަކާއެކު ކަމަށް އޭނާ ބުނެފައިވެ އެވެ.

2012 ވަނަ އަހަރު ކުޑަކުއްޖެއްގެ ގޮތުގައި އޭނާއަށް ވަނީ "ލައިމް" ކިޔާ ބައްޔެއް ޖެހިފަ އެވެ. އޭނާގެ އިތުރުން އެ އާއިލާއިން މަންމަ ޔޮލާންޑާ ހަދީދްއާއި ކޮއްކޮ އަންވަރުއަށް ވެސް މި ބަލި ޖެހފައިވާ ކަމަށް ބެއްލާ ބުންޏެވެ.

އެގޮތުން ބެއްލާ ބުނީ ބަލީގެ ސަބަބުން އޭނާގެ ދަތުގައި ވަރަށް ބޮޑު އިންފެކްޝަންއެއް އުފެދިފައިވާ ކަމަށާއި އާއްމު ކަންކަން ކޮށް އުޅުމަށް ވެސް އުނދަގޫވާ ކަމަށެވެ.

ބެއްލާ ވަނީ ޓިކްޓޮކްގައި އޭނާގެ އަނގައިގެ އިންފެކްޝަން އުފެދިފައިވާ ހިސާބު ވެސް ދައްކާފަ އެވެ. ބެއްލާ ބުނީ އޭނާ އުޅެން ޖެހިފައި ވަނީ "ވަރަށް ބޮޑު ވޭނެއްގައި" ކަމަށެވެ.

މިއާއެކު އޭނާ ވަނީ އާއްމުންނަށް އެމީހުންގެ ސިއްހަތާ މެދު ފަރުވާތެރި ވުމަށް ގޮވާލާފަ އެވެ.