ކ. ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.

މި އެކްސިޑެންޓުގައި އުމުރުން 53 އަހަރުގެ ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިވެރިއެއް ކަމަށްވާ ސައުދުﷲ އަހުމަދަށް އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާކުރަމުން ދަނިކޮށް ވަނީ ނިޔާވެފަ އެވެ.

މި އެކްސިޑެންޓާއި ގުޅޭ ގޮތުން ފުލުހުން މިހާތަނަށް އިތުރު މައުލޫމާތެއް ހާމަޮށްފައެއް ނުވެ އެވެ. އަދި މިހާތަނަށް މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މިކަން އެ އިދާރައިން ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ބުނެފައިވެ އެވެ.

ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އިއްޔެ ހަވީރު 16:45 ހާއިރުކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި އެކްސިޑެންޓުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މީގެ ކުރިން ރާއްޖޭގައި މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމާއި ގުޅިގެން ފިޔަވަޅު އަޅައި އެކަމަށް ދައުވާކޮށްފައިވެ އެވެ. މިފަދަ މައްސަލަތަކުގައި ގިނަ ފަހަރަށް އިހުމާލު ވުމުގެ ދައުވާކުރެ އެވެ.