އިނގިރޭސި ވިލާތަށް ނިސްބަތްވާ ލޮރެޓާ ހާމްސްއަކީ އެތައް ބަޔަކަށް ކައްކައިދީ ހަދާ ޗެފް އެކެވެ. އޭނާގެ މުޅި ދުވަސް ހޭދަވަނީ ކާބޯތަކެއްޗާއި ކާނާގެ ތެރޭގަ އެވެ.

އެހެން ނަމަވެސް އެއިން އެއްޗެއްގެ ރަހަ ނުބެލޭތާ އެންމެ ކުޑަމިނުން ފެން ފޮދެއް އޭނާ ނުބޯތާ ވެސް 8 އަހަރު ދުވަސް ވެއްޖެ އެވެ. ސަބަބަކީ ދުނިޔޭގައި މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. ޑޮކްޓަރުންނަށް ވެސް ހޯދަން އެތައް އަހަރެއް ހޭދަވި ބައްޔެކެވެ.

މީގެ 8 އަހަރު ކުރިއަށް ބަލާލާއިރު ލޮރެޓާއަކީ ކެއުމަށް ލޯބިކުރި އަންހެނެކެވެ. ކެއުމާއި ކާނާ ތައްޔާރު ކުރުމަކީ އޭނާ އެންމެ ކުރާ ހިތްވާ ކަންކަމެވެ. އެހެން ނަމަވެސް ހާލަތު ބަދަލުވީ ހަމަ ކުއްލިއަކަށެވެ.

ލޮރެޓާ ބުނި ގޮތުގައި ކުޑައިރު ވެސް އޭނާ ކައި ހެދުމުން ބަނޑަށް އުނދަގޫވި ނަމަވެސް ކެއުން ކުރިއަށް ގެންދިޔަ އެވެ. އެހެން ނަމަވެސް އުމުރުން 18 އަހަރުގައި މާ ބޮޑަށް ބަނޑަށް ތަދުވާތީ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ލަފާ ދިނީ ޑައިޓު ބަދަލު ކުރުމަށެވެ.

https://www.youtube.com/watch?v=7NZEV9Nf9JQ

ޑޮކްޓަރުގެ ލަފައާ އެއްގޮތަށް އެތައް ފަހަރެއްގެ މަތިން ކެއުން ބަދަލު ކުރި ނަމަވެސް އޭނާގެ ހާލަތަކަށް ބަދަލެއް ނައެވެ. އެއްޗެއް ކައިބޮއިފި ނަމަ ކެތްނުވާ ވަރަށް ބަނޑުގައި ރިއްސައިގަނެ އެވެ. ހޮޑުލަވައި މޭ ނުބައި ކުރެ އެވެ.

އެތައް ފަހަރަކު ޑޮކްޓަރަށް ދެއްކުމަށްފަހު ކުރެވުނު އެތައް ޓެސްޓުތަކަކުން އެނގިގެން ދިޔައީ ލޮރެޓާއަށް ދުނިޔެއިން މަދުން ނުފެންނަ ބައްޔެއް ކަމުގައިވާ އެހްލަސް ޑަންލޮސް ސިންޑްރޯމް ޖެހިފައިވާ ކަމެވެ. މިއީ އިންސާނެއްގެ ހަށިގަނޑުގެ ގޮހޮރު ޕެރެލައިޒް ކޮށްލާ ބައްޔެކެވެ.

އާދައިގެ އިންސާނަކު ކެއުމުން އެ ކާތަކެތި ހަޖަމުވެ ހަށިގަނޑުން ބޭރުވުމުގެ ގުދުރަތީ ނިޒާމެއް ފެށެ އެވެ. އެހެން ނަމަވެސް ލޮރެޓާއަށް ޖެހިފައިވާ ބަލީގެ ސަބަބުން އޭނާ ކައިބޮއި ހަދާ ތަކެތި ހަޖަމުނުވެ ކުޑަ ގޮހޮރުގައި ތާށިވެފައި ހުރެ އެވެ.

ލޮރެޓާއަށް ކައިބޮއި ނުހެދޭއިރު އޭނާއަށް ބޭނުންވާ ސިއްހީ މައުދަންތައް ލިއްބައިދެނީ ސީދާ އޭނާ ބަނޑަށް ގުޅައިފައިވާ "ނިއުޓްރިޝަޓް ފްލުއިޑް" އަކުންނެވެ.

ހުދު އަމިއްލައަށް ނުކެވުނު ނަމަވެސް އެހެން މީހުންނަށް ކާން ދިނުމަކީ ލޮރެޓާގެ އުއްމީދެވެ. ވަހާއި ކުލައިގެ އެހީގައި ކާނާ ތައްޔާރު ކޮށް އެހެން މީހުންނަށް އެހީވުމުގައި އޭނާ ދެމިހުރެ އެވެ.