ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓު ލިބުނު މީހުންނަށް މިއަދު ފްލެޓް ހަވާލުކުރަން ފަށާނެ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް ސަރުކާރުން ހިންގާ "ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން، ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް މި މިނިސްޓްރީން ބުނެފައިވާ ކަމަށް ބުނެ މީޑިއާ އަދި ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ.

"ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މި މިނިސްޓްރީން ބުނެފައިވާ ކަމަށް ބުނެ މީޑިއާ އަދި ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށް ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ، ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލާފައިވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިގެން ކަމަށެވެ.

ފްލެޓާއި ގުޅޭ މަސައްކަތްތައް އަލުން ފަށާނީ އޭސީސީން މި މައްސަލަ ބަލާ އެންގުމުން ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ހައުސިން މިނިސްޓްރީން މިފަދައިން ބުނި ނަމަވެސް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުގެ ހައުސިން ސްކީމްތަކުގެ ގޯއްޗާއި ފްލެޓުތަކުގެ ރަޖިސްޓްރީ މި ހަފުތާގެ ނިޔަލަށް ހަވާލު ކުރާނެ ކަމަށެވެ.

"ގޯތި އަދި ފްލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނޭ ގެޒެޓްކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ، ގޯތި/ފްލެޓް ހަވާލު ކުރުމަކީ އަޅުގަނޑު ވައުދުވި ގޮތަށް ކުރިއަށްދާނެ ކަމެއް. މި ހަފުތާ އާއި އަންނަ ހަފުތާ ތެރޭގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާނެ،" ޖެނުއަރީ 2، 2024 ގައި ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން 9000 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވާއިރު، އެންމެ ގިނަ ގޯތި ދޫކުރީ ގިރާވަރު ފަޅުންނެވެ. އެތަނުން 5,433 ގޯތި ދޫކޮށްފައި ވާއިރު، ހުޅުމާލެއިން 1351 ގޯތި އަދި ގުޅީފަޅުން 2,219 ދޫކޮށްފައިވެ އެވެ.