ތޭރަ ހަފްތާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަޒުލު ކުރަން ޖެހޭ މުއްދަތެއް ނޫން ކަން ހަމަ ބުއްދި ހުރި އެއްވެސް މީހަކު ގަބޫލު ނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުވައްމުލައް ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވި ޖަލްސާގައި ޝަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަށް 13 ހަފްތާވެގެން ދިޔައިރު، ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް އެމަނިކުފާނު ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވަގުތަކީ 120 ބިލިއަން ރުފިޔާ އިން ރާއްޖެ ދަރުވާލާފައި އޮތް ދަނޑިވަޅެއް ކަމަށެވެ. މި ދަރަނީގެ ތެރޭގައި އެތެރޭގެ ދަރަނި ނުހިމެނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގެ އެތެރޭގެ ދަރަންޏަށް ބަލާއިރު، މުއައްސަސާތައް އޮތީ ދަރާ. ވުޒާރާތައް އޮތީ ދަރާ. ކުންފުނިތައް އޮތީ ދަރާ. މީގެއިތުރުން ރާއްޖޭގެ ގައުމީ ވަހްދަތު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތީ ލޮޅުން އަރާފައި. މިކަންކަމުން ދިވެހި ގައުމު ސަލާމަތް ކުރުމަށްޓަކައި ހިންމަތާއި ހިތްވަރާއި ކެތްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ޒުވާން ވަރު ހުރި ރައީސެއްގެ ވެރިކަން 13 ހަފްތާގެ ތެރޭގައި ގުޑުވާލަން މަސައްކަތް ކުރަނީ އެއީ ކީއްވެގެންތޯ؟" ޝަހީމް ވިދާޅުވި އެވެ.
"(ރައީސަކު އަޒުލު ކުރަން ޖެހޭނީ) ކޮންމެ ރައީސަކަށް ވެސް އެކަށީގެންވާ އިންސާފުވެރި ވަގުތު ދީފައި. 13 ހަފްތާއަކީ ރައީސަކު އަޒުލު ކުރަން ޖެހޭ ފަދަ އިންސާފުވެރި ވަގުތެއް ނޫން ކަން ސަލާމަތް ބުއްދި ހުރި ކޮންމެ އިންސާނަކަށް ވިސްނޭނެ." ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވަނީ ރައީސް އަޒުލު ކުރަން އުޅޭ މީހުން ދައްކާ ދަޅައިގައި ނުޖެހުމަށް ވެސް އެދިވަޑައިގެންފަ އެވެ. މި ޒުވާން ޖީލުގެ ވެރިކަން ގައުމުގައި ނެގެހެއްޓުމަށްޓަކައި ރައްޔިތުން ހިތްވަރާއި އަޒުމާ އެކީގައި އެކަތިގަނޑަކަށްވެ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ އަށް ކާމިޔާބުކޮށް ދެއްވުމަށް މަސައްކަތް ކުރެއްވުމަށް ވެސް ޝަހީމް އެދިވަޑައިގެންނެވި އެވެ.