އަންނަ މަހުން ފެށިގެން ރަށު ޕިކަޕުން ނަގާ ފީ އުވާލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅަށާއި ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ.ދުވާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ބެޓަރީ އޮޕަރޭޓެޑް ބަގީސްތައް ނުވަތަ ރަށު ޕިކަޕަށް ސަރުކާރުން 1،800ރ. ގެ ފީއެއް ނަގާ ކަމަށެވެ.

"އެހެންވީމަ މި އަންނަ މަހުން ފެށިގެން އިރާދަކުރެއްވިއްޔާ ރަށު ޕިކަޕުން މި ނަގާ ފީ އެއްކޮށް އުވާލާނަން. އޭރަށް އެ 1،800 ރުފިޔާ ވެސް ސަލާމަތްވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަށު ޕިކަޕަކީ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ވާ ވެހިކަލްތަކެއް ކަމަށާއި އިންޖީނުލީ އުޅަނދުތަކަށްވުރެ ބެޓަރީ ވެހިކަލްތަކުގައި ދަތުރުކުރަން ފަސޭހަވާނެ ކަމަށެވެ.

މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ވީހާވެސް ގާތުން މަސައްކަތް ކުރުމަށް ކަމަށާއި ރައްޔިތުންނަށް ލުއި ފަސޭހަކޮށްދޭން ކުރެވެން ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.