ރ. މީދޫގެ މިސްކިތެއްގެ ތެރޭގައި ޓިކްޓޮކް ކުޅުނު މައްސަލައެއްގައި ގްރޫޕެއްގެ އަންހެން މެމްބަރަކު މުއްދަތެއް ނެތް ގޮތަށް އެ ގްރޫޕުން ސަސްޕެންޑްކޮށްފި އެވެ.

މިސްކިތުގައި ޓިކްޓޮކް ކުޅުނު އަންހެންމީހާއަކީ "ދަންދާނަ" ގުރޫޕުގެ އަންހެން މެމްބަރެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓިކްޓޮކް ހަދައި މިސްކިތުގެ ތެރޭގައި ނެށީ މީދޫގައި އީދު ޝޯ ދިނުމަށް ގޮސް ތިބި ގްރޫޕެއްގެ އަންހެނަކު ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ އާސާރީ މިސްކިތެއްގެ ތެރޭގައި އާއި ގޯތިތެރޭގައި ބަނޑިޔާ އަދި މާ ކޯޅިއެއް ހިފައިގެން އެ އަންހެން މީހާ ނަށާ ތަނެކެވެ. އެ މިސްކިތަކީ މިހާރު ވެސް އާންމުން ނަމާދު ކުރުމަށް ބޭނުން ކުރާ މިސްކިތެކެވެ. ލިބާހެއް ލައިގެން ހުރި އެ އަންހެން މީހާ ފެން ހުރި ބަނޑިޔާއެއް ހިފައިގެން މިސްކިތުގެ ތެރެއިން ހިނގާފައި ދާ މަންޒަރު ވެސް ފެނެ އެވެ.

ދަންދާނަ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ އަންހެންމީހާގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެއީ އޭނާ އަމިއްލައަށް ކުރި ކަމެއް ކަމަށެވެ. އަދި އެއީ އެ ގުރޫޕާ އެއްވެސް ގުޅުމެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ގުރޫޕުން ރޭވިފައިވާ އެއްވެސް ދަތުރެއްގައި އެ ގުރޫޕަށް ނިސްބަތްވާ އެއްވެސް މެމްބަރެއްގެ ފަރާތުން އެފަދަ އަމަލެއް ދެން ނުފެންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.