ދުނިޔޭގައި ހަރަކާތްތެރިވާ ޓެރަރިސްޓް ގްރޫޕެއްގެ ހަމަލާ ރާއްޖެ އަށް އައުމުގެ ފުރުސަތު ބޮޑުވެފައިވާތީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ރާއްޖެއަށް ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ މި އަހަރު ވެސް ދަމަހައްޓަން ނިންމައިފި އެވެ.

އެމެރިކާ އިން ކޮންމެ އަހަރަކު ވެސް ޓްރެވަލް އެޑްވައިޒަރީ ރިވިއު ކުރާ އިރު، ކުރީ އަހަރެކޭ އެއްގޮތަށް ރާއްޖެ ވަނީ ލެވެލް ދޭއްގައި ދަމަހައްޓައިފަ އެވެ. އަދި ރާއްޖެ އަށް ދަތުރު ކުރުމުގައި ސަމާލުވުމަށް ވެސް އެމެރިކާ އިން ވަނީ އަންގައިފަ އެވެ.

އެމެރިކާ އިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ ޓެރަރިސްޓް ޖަމާއަތްތަކުން އިންޒާރަކާ ނުލައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި އެ ހަމަލާތައް ޓޫރިޒަމް އާ ގުޅުން ހުރި ތަންތަނާއި މާރުކޭޓު ނުވަތަ ފިހާރަތަކަށް އަމާޒުކޮށްފާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމެރިކާ ރައްޔިތުން ރާއްޖެ ދަތުރުކުރާނަމަ އަޅަން އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީގެ ވެބްސައިޓް ކިޔުމާއި ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމާއި ރާއްޖޭގެ މީޑިއާތައް ބެލުން ފަދަ ކަންކަން ހިމެނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު ހާއްސަ ގުޅުމެއް ވަނީ އުފެދިފަ އެވެ. ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ދާދި ފަހުން ވަނީ އެމެރިކާ އަށް ވަޑައިގެންފަ އެވެ.