ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ކޮރަޕްޝަންގެ މައްސަލަތަކުގެ ހަބަރުތައް ގެނެސްދޭ އަދަދު ނޫހުގެ އެޑިޓަރު ހުސައިން ފިޔާޒު މޫސާއަށް މަރުގެ އިންޒާރު ދީފި އެވެ.

ފިޔާޒަށް މަރުގެ އިންޒާރު ދީފައިވަނީ ކާކުންކަން ނޭނގޭ އެކްސް އެކައުންޓަކުންނެވެ.

އެކްސް މެދުވެރިކޮށް އަދަދު ނޫހުގެ އެޑިޓަރު ފިޔާޒަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކޮށްފަ އެވެ.

ކާކުކަން ނޭނގޭ އެކްސް އެކައުންޓަކުން މި އިންޒާރު ދީފައިވާއިރު، އެމްޖޭއޭ އިން ވަނީ މި މައްސަލަ ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް، ފިޔާޒުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިފަ އެވެ.

މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކާއި، ސަރުކާރަށް ފާޑުކިޔާ މީޑިއާތަކުގެ ނޫސްވެރިންނަށް އަމާޒުކޮށް އިންޒާރު ދިނުމުގެ އަމަލުތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި މި އިންޒާރު ދީފައިވާކަން ފާހަގަކުރެވެއެވެ.

އެމްޖޭއޭ އިން ބުނެފައިވާ ގޮތުގައި މި މައްސަލަ ރަސްމީކޮށް ފުލުހުންނަށް ހުށަހަޅައި، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް އެދޭނެ ކަމަށެވެ. އަދި މިފަދަ އިންޒާރުތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވާ ނުރައްކަލެއްކަމަށް އެމްޖޭއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިތުރު ފިޔަވަޅުތައް އެޅުމަށް ފުލުހުންގެ ކިބައިން އެމްޖޭއޭ އިން އެދިފައިވެއެވެ. އަދި މި މައްސަލަ އިންޓަނޭޝަނަލް ފެޑެރޭސަން އޮފް ޖާނަލިސްޓްސް އޭސިއާ ޕެސިފިކް، ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓްސް އަދި ރިޕޯޓަރސް ވިތައުޓް ބޯޑާސް ފަދަ ބައިނަލްއަގްވާމީ ނޫސްވެރިންގެ ޖަމްއިއްޔާތަކުގެ ސަމާލުކަމަށް ވަނީ ގެނެސްފަ އެވެ.