ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ގއ. ވިލިނގިލީ ލައިޓްހައުސް ޝަހީބު އިބްރާހީމް ފިލުވަން އޭނާގެ އަންހެނުން އެހީތެރިވެދިން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އުމުރުން 47 އަހަރުގެ ޝަހީބު ހޯދަން ފުލުހުން އިއުލާންކުރީ މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 6އަށް އޭނާ ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
އެ އަމުރާ ގުޅިގެން އޭނާ ހޯދަން ތަކުރާރުކޮށް ފުލުހުން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އެހެންވެ، ފުލުހުން ވަނީ އޭނާގެ އަންހެނުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފަ އެވެ.
އަންހެނުން ހައްޔަރުކުރުމާއެކު ޝަހީބު ވަނީ ފުލުސް އޮފީހަށް ހާޒިރުވެފަ އެވެ. ފުލުހުން ވަނީ ވަގުތުން އޭނާ ހައްޔަރުކޮށްފަ އެވެ.
ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ ޑްރަގް ހޯދީ 2020 ވަނަ އަހަރު ގެ ތެރޭގަ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި އިސްކޮށް އުޅެނީ ޝަހީބު އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާ ކަމަށެވެ.
ޝަހީބަކީ ވެރިކަންކުރާ ޕީއެންސީގެ ކައުންސިލް މެންބަރުކަން ކޮށްފައިވާ މީހެކެވެ. އޭނާ ޕާޓީގެ ކައުންސިލުން ވަކިކުރީ މި މައްސަލަ ފެންމަތިވުމުންނެވެ.