ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް އެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް، ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް އެކަކުން ރޭ ދަންވަރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ރަށުތެރެ ޕެޓްރޯލްކުރަން ނުކުމެ އުޅުނު ފުލުހުން ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކުރީ 19 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި ހަމަ އެ ގައުމަށް ނިސްބަތްވާ 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ޕާކިސްތާނު ފިރިހެނެއް ކަމަށެވެ.

މި ތިން މީހުން ހައްޔަރުކުރީ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންތަކަކަށް، 100 ނަންބަރު ފްލެޓު ކައިރީގައި އެ މީހުން ފޮށިގަނޑުތަކެއް ގެންގުޅޭތީ ތުހުމަތުކުރެވިގެން އެ ތަކެތި ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ 232 ފުޅި ފެނުމުން ކަމަށެވެ.

އެ ތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ 49 ފުޅި ފެނުނު ކަމަށްވެސް ފުލުހުން ބުންޏެވެ.

ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި މި މަހުގެ 16ވަނަ ދުވަހާއި 19ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ނޭޕާލްގެ ތިން އަންހެނަކު ހިމެނޭހެން ހަތް ބިދޭސިއަކު މާލޭން ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރެއިން ހަތަރު މީހަކު ޑީޕޯޓުކުރިއިރު، ޑީޕޯޓުކުރީ ނޭޕާލަށް ނިސްބަތްވާ މީހުންނެވެ.

ފުލުހުން އަންނަނީ މި މައްސަލަތައް ތަހްގީގުކުރަމުންނެވެ.