ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަށް ވައްދަނިކޮށް ފޭރިގަތީ، ބީއެމްއެލްގެ 100،000 އަށްވުރަ ގިނަ ޑޮލަރުކަން އެނގިއްޖެ އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ފޭރުނު ބްރިފްކޭހުގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ދޫކުރަން ބީއެމްއެލްއިން ގެންދިޔަ ޑޮލަރެވެ. އެ ބްރިފްކޭސްގައި 100،000 އަށް ވުރެ ގިނަ ޑޮލަރާއި ޔޫރޯ ވެސް ހުއްޓެވެ.

ރޭ ފަތިހު 4:45 ހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓް ތެރެއިން ފައިސާ ބްރިފްކޭސް ފޭރިގެންފައި ވަނީ، ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅުވައިދޭ ވޯކްވޭގެ ތެރެއިންނެވެ.

ފުލުހުން ބުނީ އެ ފައިސާތައް އުފުލުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާ ކަމަށެވެ.

އެނގިފައިވާގޮތުގައި ވަޅިން ބިރުދައްކައި ފައިސާތައް ފޭރިގަތުމަށްފަހު އެ މީހުން ވަނީ ލޯންޗެއްގައި ފުރާފަ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.