ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުން ބުނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތު ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު މާދަމާއިން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ރަސްމީދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި ރައީސް ސޯލިހާއި ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓަމުން ދިޔުމަކީ ރާއްޖެ އދ. ގައި ބައިވެރިވުމަށްފަހު ފާއިތުވި މާޒީގައި ޚާރިޖީ ދާއިރާއިން ރާއްޖެއަށް ނުލިބޭހާ ބޮޑު ކުރިއެރުމެކެވެ.
ރައީސް ސޯލިހު ޝާހިދަށް މި ދައުވަތު ދެއްވީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާ އަށް އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެން އުޅުއްވަމުން އެތާ ހުންނަ އދ. ގެ މައި މަރުކަޒުގައި ޝާހިދާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.