ރާއްޖޭގެ ޖަލުތަކުގެ ހާލަތު ވަޒަންކުރުމަށް އދ. ގެ ވާކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިއްޖެ އެވެ.
މި ވަފްދުގެ ބޭފުޅުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ. ފަސް މެމްބަރުންގެ މި ވަފްދު ރާއްޖޭގައި ހަރަކާތްތެރިވާނީ އަންނަ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.
ސްވިޓްޒަލޭންޑްގެ ޖެނީވާގައި ހުންނަ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ހައި ކޮމިޝަނަރުގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިވަފްދުން ޖަލުތަކުގެ ތެރެއިން ފާހަގަވާ ކަންކަމުގެ ވަގުތީ އެސެސްމަންޓެއް ހަދާ ފުރުމުގެ ކުރިން އެ މައުލޫމާތު ރާއްޖޭގެ ނުސްވެރިންނަށް ހިއްސާ ކުރުމަށް ހަމަޖެހިފައިވެ އެވެ. އެސެސްމެންޓް ހެދުމަށްޓަކައި މާލެ އާއި އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގެން ޖަލުތަކާއި ފުލުހުންގެ މަރުކަޒުތަކާއި ބިދޭސީންނާއި ކުޑަކުދިންނާއި އެކި ކަހަލަ ނުކުޅުންތެރިކަން ހުންނަ މީހުން ބަލަހައްޓަމުންދާ މަރުކަޒުތަކަށް މި ވަފްދު ޒިޔާރަތް ކުރާނެ އެވެ. އަދި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގެ ވެރިންނާއި އަމިއްލަ ޖަމިއްޔާތަކާ ވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ވަފްދުގެ ބޭފުޅުން އެކުލަވާލާ ފައިނަލް ރިޕޯޓް ހުށަހަޅާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކައުންސިލްގެ ބައްދަލުވުމަށެވެ.