ދެކުނު އެފްރިކާގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ އާވޭރިއަންޓް، "އޮމްކްރޯން" އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ދެކޮޅަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ.

ރައީސް ނަޝީދު މިގޮތަށް ވާހަކަފުޅު ދެއްކެވީ ކޮވިޑްގެ އާ ވޭރިއަންޓާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މި މައްސަލާގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މަޝްވަރާކޮށް އެކަމުގައި އަޅާނެ ފިޔަވަޅުތައް ނިންމަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށްވެ.

ރައީސްގެ މެސެޖާ ގުޅިގެން އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ނަޝީދު ވިދާޅުވީ އަނެއްކާ ރާއްޖެ ބަންދުކުރުމުގެ ވިސްނުން ވާނީ ވަރަށް ގެއްލުން ބޮޑު ވިސްނުމަކަށް ކަމަށާއި ކޮވިޑާއެކު އުޅުން ނޫން ގޮތެއް ނެތް ކަމަށެވެ.

ދެކުނު އެފްރިކާ އިން ފެނިގެން އުޅޭ އާ ވޭރިއަންޓާ ގުޅިގެން ބައެއް ގައުމުތަކުން މިހާރު ވަނީ އެ ގައުމުން މީހުން އެތެރެވުން މަނާކޮށްފަ އެވެ. އެކަމަކު ރާއްޖެއިން މިހާތަނަށް އެފަދަ ފިޔަވަޅެއް އަދި އަޅާފައެއް ނުވެ އެވެ. މީގެ ކުރިން ކޯވިޑްގެ ރާޅުތައް ރާއްޖެއަށް ކުރިމަތިވި އިރުވެސް ރައީސް ނަޝީދުވަނީ ރާއްޖޭގެ ބޯޑަރ ބަންދުކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.