ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތްތައް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްސޫދު ބިން މޮމެނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލާއި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ މި އަހަރުގެ ތެރޭގައި ދެ ގައުމުގެ އެންމެ އިސް އޮފިސަލުން އެކި ފަހަރު މަތިން ބައްދަލުވެ ކުރެވުނު މުއާމަލާތްތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި ދެ ގައުމުގެ މެދުގައި އޮންނަ ގުޅުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
މީގެ އިތުރުން ދެ ބޭފުޅުން ވަނީ މި އަހަރު ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަން ރޭވިފައިވާ ރަސްމީ ދަތުރުފުޅުގެ ކުރިން، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ ކޮވިޑްއަށްފަހު ރާއްޖެ އަލުން ފަތުރުވެރިންނަށް ހުޅުވާލާފައިވުމާއި ކޮވިޑް-19 ޕެންޑެމިކް މެނޭޖްކުރުމުގައި ރާއްޖެއިން އަމަލުކުރި ގޮތްތަކަށް ތައުރީފުކުރައްވާފަ އެވެ. އަދި ވަކި ގައުމެއްގެ ބަޔަކު ތަފާތުކުރުމެއް ނެތި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމަށް ރާއްޖެއިން ނިންމި ނިންމުމަށް ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ތައުރީފުކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދާދިފަހުން އެމަނިކުފާނު ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގެ އެންމެބޮޑު ބޭނުންފުޅަކީ ވެސް ސިއްހީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތުގެ ދަތިކަމަށް ހައްލުތަކެއް ހޯދުމަށް މަގުފަހިކުރުންކަން ފާހަގަކުރައްވައި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއެކު، ސިއްހީ ހިދުމަތްތެރިންގެ ބޭނުންތެރިކަން އެތައް ގުނައެއް އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން ރާއްޖެ ލާމަރުކަޒުކޮށް ހިންގުމަށް ކުރާ މަސައްކަތުގެ އެންމެބޮޑު އަމާޒު ހިފާފައި ވަނީ ހިދުމަތްތައް ރައްޔިތުންނަށް ވީހާވެސް ގާތަށް ގެނެސްދިނުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ސަރަހައްދީ ވިޔަފާރިއާއި ގުޅުންތައް އިތުރުކުރުމާއި، އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ އެ ގައުމުގެ ފޮރިން ސާވިސް ގައި އަލަށް އުފެއްދި އިންސްޓިޓިއުޓްގައި ތަމްރީނު ހެދުމަށް ރާއްޖޭގެ ފޮރިން ސާވިސްގެ މުވައްޒަފުން ފޮނުވުމަށް ރާއްޖެއަށް ދައުވަތު ދެއްވާފަ އެވެ. މި ދައުވަތު ގަބޫލުފުޅުކުރައްވައި، ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްއަފޫރު މުހައްމަދު ވަނީ ރައީސް ސޯލިހު ދާދިފަހުން ދިވެހިރާއްޖޭގެ ހާރިޖީ ހިދުމަތުގެ ގާނޫނު ތަސްދީޤު ކުރައްވާފައިވާކަން ފާހަގަކުރައްވައި އެ ގާނޫނުގެ ދަށުން ފޮރިން ސަރވިސް އިންސްޓިޓިއުޓެއް އެ މިނިސްޓްރީގެ ދަށުން ހިންގުމަށް މަގުފަހިވެފައިވާކަން ފާހަގަކުރައްވާފަ އެވެ.