މާލޭގެ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނާ 1،000 ގޯތި ހިލޭ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިފަދައިން ބުނީ، ހުޅުމާލެ އިން މާލެ ރައްޔިތުންނަށް ދެއްވާނެކަމަށް ސަރުކާރުން ބުނި ގޯތިތައް ހިލޭ ދެއްވުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައީސަށް އެދިވަޑައިގެން ފޮނުއްވެވި ސިޓީގެ ޖަވާބަށެވެ. ސިޓީ ކައުންސިލުން އެ ސިޓީ ފޮނުވީ މިދިޔަ ފެބްރުއަރީ މަހު 22 ވަނަ ދުވަހު ކަމަށް ވެ އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްޓްރީ ސޮއިކުރައްވައި މުއިއްޒަށް ފޮނުއްވި ސިޓީގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި އިއްވެވި ފަދައިން އެންމެ ބޭނުންޖެހިފައިވާ މާލެ ރައްޔިތުންނަށް އިން ވަކިކޮށް، ރައީސްގެ ދައުރު ނިމުމުގެ ކުރިން ގޯތީގެ ލިޔުންތައް ހަވާލުކުރައްވާނެކަން ފާހަގަކުރައްވާފައިވެ އެވެ. ހަމައެހެންމެ، ގޯތި ވިއްކާނެކަމުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައި ނުވާކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އޭގެ އިތުރުން ހުޅުމާލެއިން ގޯތި ދޫކުރުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ފާހަގަކުރި ކަންކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސަމާލުކަމަށް ގެނެވިފައިވާކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވި ދުވަހު ރައީސް ސޯލިހު ވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް އެކަމުގައި ކުރިމަތިލާންޖެހިފައި އޮތް ތަކުލީފު ވަަނީ "ލާނިހާޔަތުގައި" ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު. ދިވެހި ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރައްވައި ރައީސް ސޯލިހް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި، އަދި ގުޅީފަޅުން 2،000 ގޯތި ދޭނެ ކަމަށެވެ. އޭގެ އިތުރުން ގިރާވަރު ފަޅު ހިއްކައި އެ ބިމުން ވެސް މަދުވެގެން 2،000 ގޯތި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންގެ ތެރެއިން 1،000 މީހަކަށް ރާއްޖޭގެ އެންމެ އަގުބޮޑު ބިމުން ހިލޭ ގޯތި ދިނުމަކީ ބޭއިންސާފުންކުރެވޭ ކަމެއް ކަމަށް ބުނެ ސަރުކާރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 ގޯތި ހިލޭ ދިނުމުން އެޗްޑީސީއަށް ގާތްގަނޑަކަށް 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީ ގެއްލޭނެ އެވެ.