ފުވައްމުލަކުގެ އެންމެ ކުޅަދާނަ ޑައިވަރުންގެ ތެރޭގައި އޭނާ ހިމެނޭނެ އެވެ. ކަނޑު އަޑިއަށް ފީނުމުގެ އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ޑައިވަރުން މީގެ ކުރިން ފުވައްމުލަކުގައި އެހާ ގިނައެއް ނޫނެވެ. ނަމަވެސް މިދިޔަ މަދު އަހަރުތަކުގެ ތެރޭގައި މުހައްމަދު ސައީދު (ސައިއްޓޭ) ވަނީ އެ ރަށުގައި ޒުވާން ގިނަ ޑައިވަރުތަކެއް ތަމްރީނުކޮށްފަ އެވެ.
އޭގެ ބޭނުމަކީ ފުވައްމުލައް ކަހަލަ ކުރިއަރަމުން އަންނަ ޑައިވް ސައިޓްތަކުގައި ޓޫރިސްޓުންނާއެކު ޑައިވްކުރަން ރަށުގެ ގިނަ ޒުވާނުންތަކެއް ނެރުމެވެ.
ޕަޑީގެ ސަޓިފައިޑް އިންސްޓްރަކްޓަރެއްގެ ގޮތުގައި ގާތްގަނޑަކަށް ވިއްސަކަށް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ޑައިވަރު ސައީދުއަކީ ގިނަ ދުވަހު މަސައްކަތްކުރީ ރާއްޖޭގެ އެކި ރިސޯޓުތަކުގެ ޑައިވިން ސެންޓަރުތަކުގަ އެވެ.
ރިސޯޓުތަކުގައި ވަޒީފާ އަދާކުރުމަށްފަހު އަމިއްލަ ރަށުގައި ޑައިވް ސެންޓަރެއް ހަދައި މީގެ އަހަރުތަކެއް ކުރިން ހިންގަން ފެށީ ފުވައްމުލަކުގެ ކައިރީ އުޅޭ އެކި ވައްތަރު ބަލައިލަން ޝައުގުވެރިވެގެން ދުނިޔޭގެ އެކިކަންކޮޅުތަކުން ޓޫރިސްޓުން އެ ރަށަށް ޒިޔާރަތް ކުރަން ފެށުމުންނެވެ.
ސައީދު ގެއްލުމުން ގިނަ ބަޔަކަށް ގަބޫލުނުކުރެވިފައި
ސައީދު ނުދަންނަ ޒުވާނަކު ފުވައްމުލަކުގައި މަދުވާނެ އެވެ. ގިނަ ބަޔަކާ ގުޅޭ މަޖާ މިޒާޖެއްގެ ޑައިވަރު ކުއްލިއަކަށް ގެއްލުމުން ގިނަ ބަޔަކު ދަނީ އެކަމުގެ ހިތާމަ ފާޅުކުރަމުންނެވެ. އަދި އޭނާ ވީހާވެސް ގަދަވެ ސަލާމަތުން އަވަހަށް ފެނޭތޯ އެދި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހެޔޮ ދުއާކުރަމުންނެވެ.
"ގަބޫލު ނުކުރެވޭ ސައިއްޓޭއަށް މިސްޓޭކެއް ހެދިގެން ގެއްލިދާނެ ކަމަކަށް. އަމިއްލަ ބާރު ނުފޯރުވޭ ކަމެެއް ދިމާވެގެން ގެއްލުނީ ކަމަށްވުން އެކަށީގެންވޭ،" ސައީދު އާއެކު މަސައްކަތްކުރި ފުވައްމުލަކުގެ މީހަކު ބުންޏެވެ.
އެ ރަށު އެހެން މީހަކު ބުނީ ސައީދު ގެއްލުމަކީ މުޅި ފުވައްމުލަކަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި އެފަދަ ތަޖުރިބާކާރު ޑައިވަރު ގެއްލުމަކީ ފުވައްމުލަކުގެ ޓޫރިޒަމް އާއިލާއަށް ވެސް ލިބޭ ފޫނުބެދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށް ވެސް އެ މީހާ ދެކެ އެވެ.
ސައީދަކީ ފުވައްމުލަކުގައި ޓައިގާ ޝާކް (ފެމުނު މިޔަރު) ބަލަން ޝައުގުވެރިވެގެން އަންނަ ޓޫރިސްޓުންނަށް ހިދުމަތް ދޭން ހިންގާ އެ ސެންޓަރުގެ އިސް ފަރާތެކެވެ.
ސައީދު ގެއްލުނުއިރު އޭނާއާއެކު ޑައިވްކުރަން ފޭބި މަހުމޫދު ފާއިޒަކީ ވެސް ވިއްސަކަށް އަހަރުގެ ޒުވާން ޑައިވަރެކެވެ.
ސައީދު ގެއްލެއް މެދުވެރި ސަބަބެއް އަދިވެސް ނޭނގެ
ގިނަ ބަޔަކު ބުނާ ގޮތުގައި ސައީދު ގެއްލުނީ ގަދަ އޮއިވަރަކާއެކު ބޭރަށް ދަމައިގަތް ވަގުތު މައްޗަށް އަރާނެ ވަގުތު ނުލިބިގެންނެވެ.
"ބައެއް މީހުން ބުނޭ ސައީދު އާއެކު ދިޔަ މަހުމޫދު ޑައިވްކުރަން ފޭބީ ޓޫރިސްޓުންނާ ވަކިކަމަށް. އަދި އެ ދެ މީހުން ޑައިވްކުރީ މަސް ހިފަން ވެގެން ކަމަށް. ޑައިވްކުރަން ފޭބި ތަނުގެ އޮއިވަރު މާގަދަވުމުން އަޑިއަށް ދަމައިގަތީ ކަމަށް ލަފާކުރޭ،" އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
އެ މީހާ ބުނީ އެ ހާދިސާގައި ސަލާމަތްވި މަހުމޫދު ފާއިޒުގެ ޑައިވް ކޮމްޕިއުޓަރު ޗެކްކުރިއިރު ގާތްގަނޑަކަށް 70 ވަރަކަށް މީޓަރަށް އަޑިއަށް ދިޔަ ކަމަށް އެއިން ދައްކާ ކަމަށެވެ.
"އެގޮތަށް ވެދާނެ ޑައިވްކުރަމުން ދަނިކޮށް އޮއިގަނޑުގައި ޖެހިފައި ދަމައިގަތުމުން. ބައެއް މީހުން ބުނޭ އެ އޮއިވަރުގެ ތެރޭގައި ނޭރިގެން އުޅެނިކޮށް ސައީދުގެ ފުޅިން ގޭސް ހުސްވީ ކަމަށް،" އޭނާ ބުންޏެވެ.
އެ ރަށު އެހެން މީހަކު ވެސް ސައީދު އަޑިއަށް ދާން ފެށުމުން މަހުމޫދު އޭނާ މައްޗަށް ނަގަން މަސައްކަތްކުރި ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެއޮއިވަރުގެ ތެރޭގައި އޭނާ ވެސް މައްޗަށް އެރީ ބީސީޑީ ވެސް ދޫކޮށްލުމަށްފަހު ކަމަށް އޭނާ ބުންޏެވެ.
"މީގެ ހަގީގަތެއް ނޭނގެ. އެ ދެ މީހުން އެކީ ފޭބީ. އަދި މަހުމޫދު ވެސް މައްޗަށް އެރިއިރު ހުރީ ޑީކޯވެފައި،" އެ މީހާ ބުންޏެވެ.
މި ހާދިސާގައި ސަލާމަތްވި މަހުމޫދަށް އިތުރު ފަރުވާ ދިނުމަށް ދ. ކަނޑިންމައިގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބަރަށް މިހާރު ވަނީ ގެންގޮސްފަ އެވެ. އަދި ސައީދު ހޯދުމުގެ މަސައްކަތް ކޯސްޓްގާޑާއި އެ ރަށުގެ ޑައިވަރުންތަކެއް ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.