ވެރިކަންކުރާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޝައުގުވެރިކަމެއް ނެތް ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަލުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އދ. މާމިގިއްޔަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވާފަ އެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދުގެ ސަޕޯޓަރުން ބުނަމުން ގެންދަނީ އެއީ އެ އިންތިޚާބަށް ނުފޫޒު ފޯރުވަން ގާސިމް ކުރެއްވި ކަމެއް ކަމަށެވެ.

އެކަމާ ގުޅިގެން ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ މީގެކުރިން ރައީސް ނަޝީދާ ވެސް ގާސިމް ބައްދަލުކުރައްވާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދު މާމިގިއްޔަށް ވަޑައިގަތުމުން އެޅީ ރަތްދޫލަ ކަމަށެވެ. އަދި ސަން އައިލެންޑް ރިސޯޓަށް ނަޝީދު ވަޑައިގަތުމުން އެމަނިކުފާނު ގެންގުޅުއްވީ ވަރަށް އިއްޒަތުގައި ކަމަށް ވެސް އަލީ ސޯލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާސިމް ފައްޔާޒާ ބައްދަލުކުރެއްވީ އެޕޮއިންޓްމަންޓް ހަދައިގެން ނޫން ކަމަށެވެ. އަދި އެއީ ކުރިން ރާވައިގެން ބޭއްވި ބައްދަލުވުމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ ކުރިއާލައި ރާވައިގެން، އެޕޮއިންޓްމަންޓެއް ހަދައިގެން ބޭއްވި ބައްދަލުވުމެއް ނޫން. އިއްތިފާގަކުން ދިމާވީ،" އަލީ ސޯލިހު ވިދާޅުވި އެވެ.

މާދަމާ ވެސް އެމްޑީޕީއާ އެކު ކޯލިޝަނެއް ހަދާތަނުން ރައީސް ނަޝީދުގެ އަރިސް ބޭފުޅުން ގާސިމަށް ތައުރީފްކޮށް ސަނާ ކިޔަން ފަށާނެ ކަމަށް ވެސް އަލީ ސޯލިހު ވިދާޅުވި އެވެ.