ކުރިއަށްއޮތްތަނުގައި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު މިހާރަށްވުރެ ބޮޑަށް ވިޔަފާރިއާއި އިގްތިސޯދީ ރޮނގުން ދެ ގައުމުން ގުޅުން ބަދަހިވާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ ހަވާސާގައި ރުވާންޑާގެ ކިގާލީ މެރިއޮޓް ހޮޓެލްގައި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދެޤައުމުގެ ވެސް އިގްތިސޯދަށް ކޮށްފައިވާ އަސަރުތަކުން އަރައިގަތުމަށް އެއްގައުމު އަނެއް ގައުމުގެ ފަތުރުވެރިކަމުން ފިލާވަޅު ލިބިގަނެވޭނެކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހާއި މޮރިޝަސްގެ ބޮޑުވަޒީރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާ ފައެވެ.

މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ބައިނަލްއަގްވާމީ މައިދާނުގައި އެއްބާރުލުން ދިނުމާއި ދެޤައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއާއި މޮރިޝަސްއަކީ އދ. އާއި ކޮމަންވެލްތް އަދި އެއޯސިސް ފަދަ ބޮޑެތި ޖަމާއަތްތަކުގެ މެންބަރު ދެ ގައުމުކަމަށާއި، ދެ ގައުމަކީވެސް ވިޔަފާރިއާއި، އިޤްތިސޯދަށްޓަކައި އިންޑިއާ ކަނޑަށް ބަރޯސާވާ ދެ ގައުމުކަން ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ރުވާންޑާއަށް ވަޑައިގަތީ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އަދި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.