އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލާނެ ހާލަތެއް އަންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް، ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ވެރިކަމަށް ކުރިމަތިނުލެއްވޭނެ ހާލަތެއް މެދުވެރިވިޔަސް އަމަލުކުރާނެ ގޮތް ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ފަދަ ހާލަތެއްގައި ވެސް ގާސިމް އާއި ސަރުކާރު ކޯލިޝަންގެ އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ނަހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާސިމް، މައުމޫން، އިމްރާން، ނާޒިމް، ޝިޔާމް އަދި ސޯލިހު ފަހަތަށް [ޕީޕީއެމް] އަރައިގެން އިންތިހާބު ކާމިޔާބު ކުރާނެ އެއްވެސް ހާލަތެއް ނާންނާނެ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވެރިކަމަށް ވަޑައިގެންނެވޭނީ ރައީސް ޔާމީން ޖަލަށް ލުމަށް ފަހު، ޕީޕީއެމްގެ ތާއިދު ހޯދައިގެން ކަމަށެވެ. ނަމަވެސް އެކަން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ބޭއްވި ޖަލްސާއެއްގައި ގާސިމް ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ނިންމުން އެގޮތުގައި އެބައޮތް ކަމަށެވެ. އަދި އެ ނިންމުން ބަދަލުކުރެވޭނީ ޕާޓީގެ ކޮންގްރެސްއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.