ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭ އުސޫލު ބަދަލުކުރަން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން އެޓާނީ ޖެނެރަލްއާ މަޝްވަރާކޮށްފި އެވެ.
އެ ކޮމިޝަނުގެ މެމްބަރަކު ވިދާޅުވީ އިސްލާހު ހުށަހަޅާނެ ވަކިގޮތެއް އަދި ފައިނަލް ނުވާ ކަމަށާއި އިސްލާހު ހުށަހެޅިދާނެ ގޮތްތަމާ މެދު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އެގޮތުން މަޝްވަރާކުރެވުނު ފުރަތަމަ ގޮތަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީތަކަށް ވޯޓު ލިބުނު އަދަދަށް ބަލައި ފައިސާ ދިނުން ކަމަށް މެމްބަރު ވިދާޅުވި އެވެ.
ދެވަނަ ގޮތަކީ ޕާޓީތަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުން ހުއްޓާލަން ގާނޫނަށް އިސްލާހު ހުށަހެޅުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކަށް މިހާރު ފައިސާ ދެނީ އެ ޕާޓީއެއްގެ މެންބަރުންގެ އަދަދަށް ބަލައިގެންނެވެ. އެގޮތަށް އުސޫލު އޮތުމުން ވަގު ފޯމު ހުށަހަޅައިގެން ޕާޓީގެ މެންބަރުންގެ އަދަދު ގިނަކުރަން މަސައްކަތް ކުރާކަން ވަނީ ފާހަގަވެފަ އެވެ.
ވަގު ފޯމު ހުށަހެޅުން ހުއްޓުވުމަށްޓަކައި ކޮންމެ ވަގު ފޯމަކަށް އެ ޕާޓީ އާކާއި ޕާޓީގެ ރަޖިސްޓްރާ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުގެ އުސޫލެއް އެކުލަވާލައި އެއަށް އަމަލުކުރަން މިހާރު ވަނީ ފަށާފަ އެވެ.
އެ އުސޫލާ ގުޅިގެން ޕާޓީތަކުން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އެގޮތުން ޖޫރިމަނާ ކުރާތީ ރަޖިސްޓްރާގެ މަގާމަށް އަންނަން މީހުން ފަސްޖެހޭ ކަމަށް ބައެއް ޕާޓީތަކުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް އާ ދައުރަކަށް ހުޅުވުމާއެކު ގާނޫނަށް އިސްލާހު ހުށަހެޅުމަށް އެޓާނީ ޖެނެރަލްއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.