މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ހިންގި ހަރަކާތައް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެކަމަށްޓަކައި އެކުލަވާލި ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީން ލަފާދީފި އެވެ.

ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި، އެ ދުވަހު ކަން ހިނގައިދިޔަ ގޮތް ދިރާސާކޮށް، އެ ކަންކަން ދެނެގަތުމަށް ކޮމެޓީން ކޮށްފައިވާ މަސައްކަތްތައް ހިމަނާފައިވެއެވެ. އެގޮތުން ކޮމެޓީން ކުރި ދިރާސާއާ ގުޅިގެން އެކުލަވައިލި ރިޕޯޓުގައި، ފަސް ދާއިރާއަކުން 39 ރިކޮމެންޑޭޝަނެއް ހުށަހަޅާފައިވެ އެވެ. އެގޮތުން ރިކޮމެންޑޭޝަން ހުށަހަޅާފައިވާ ދާއިރާތަކުގެ ތެރޭގައި، ސެކިއުރިޓީ ބެލެހެއްޓުމާއި ސެކިއުރިޓީ އޮޕަރޭޝަންތައް ހިންގުމުގައި އަމަލުކުރާނެ ގޮތާއި، ދީނީ ގޮތުން ޚިލާފް އުފެދޭ ކަންކަމުގައި އަމަލުކުރާނެ ސިޔާސަތު އެކުލަވައިލުމާއި، އިވެންޓްތައް ރާވައި އިންތިޒާމުކުރުމާއި، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމަށް މަގުފަހި ކުރުވާ ކަންކަން ދެނެގަނެ، އެ ކަންކަން ޙައްލުކުރުމަށް އަވަސް ފިޔަވަޅު އެޅުން ހިމެނެއެވެ.

ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ރިކޮމެންޑޭޝަންތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް އެ އިދާރާތަކުގައި ދެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމެވިއެވެ.