މާފުށީ ޖަލުގައި ގައިދީން މިހާރު ތިބީ ވަރަށް ނުރައްކާތެރި އޮއިވަރެއްގައިކަން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ދިރާސާ ރިޕޯޓުން ހާމަވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް 51 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ އަދި އޭގެ ވިޔަފާރިކުރާ ގައިދީންގެ ނުފޫޒާއި ދީނީ ހަރުކަށި ފިކުރުގައި ގައިދީން ޖައްސައިގެން ތަފާތު ކުށްތަކަށް އަހުލުވެރިކުރުމުގެ ނުބައި އޮއިވަރެއް ޖަލުތަކުގައި ހިނގަމުންދާކަން ދާދިފަހުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ޖަލުގައި ކުރި ދިރާސާއަކުން، ދެނެގަނެވިފައިވާކަމަށެވެ.

މިކަންކަމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ މައްސަލަ ހައްލުކުރުމަށް ކަމާ ގުޅުން ހުރި ތަރުބަވީ ޕްރޮގްރާމްތަކެއް ހިންގުމަށްޓަކައި 100 މީހުންގެ ޖާގައިގެ ޚާއްސަ ޔުނިޓެއް މާފުށީ ޖަލުގައި ޤާއިމުކޮށް، އެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައެވެ.

ހަމަ އެހެންމެ ޤައިދީން އިސްލާޙްކޮށް އަނބުރާ މުޖްތަމައަށް ނެރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޕެރޯލް ނިޒާމު މިހާރަށް ވުރެ ހަރުދަނާކުރުމަށް ޖަލުތަކާއި ޕެރޯލް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙްތަކުގެ މަސައްކަތްތައް ވެސް ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުށްކުރާ މީހުން އިސްލާޙްކޮށް އަނބުރާ މުޖްތަމަޢަށް ނެރުމަކީ ސަރުކާރުން ކުރަން ނިންމި މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށް، މިމަހުގެ ދެ ވަނަ ދުވަހު 32 ޤައިދީއަކު އެމީހުންގެ އާއިލާތަކާ ޙަވާލުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ ނިޒާމަށް އިޞްލާޙީ ބަދަލުތަކެއް ގެންނަން ކުރާ މަސައްކަތަކީ މުޅި މުޖްތަމަޢު އިޞްލާޙްކުރުމުގެ މަތިވެރި މަޤްޞަދުގައި ކުރާ މަސައްކަތެއް ކަމުގައެވެ.

އެމަނިކުފާނު ވިދާޅުވީ މި މަސައްކަތްތަކުގެ ބޭނުމަކީ މުޖްތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމާއި ކޮންމެ ރައްޔިތަކަށް ވެސް އަމާންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށެވެ.