މަސްދަރު ހާމަކުރަންޖެހޭގޮތަށް ހެއްކާ ބެހޭ ގާނޫނުގައި ހިމަނާފައިވާ ކަންތައްތަކާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް ހަފުލާފައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހެއްކާ ބެހޭ ގާނޫނުގައި ހުރި ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން އެމަނިކުފާނު ނުސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައި ވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އެމަނިކުފާނު ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ބްރޯޑްކާސްޓިންގެ މަސައްކަތްތައް ފެށިގެން އައި ގޮތުގެ މައްޗަށާއި ޓީވީއާ ރޭޑިޔޯއިން ރާއްޖޭގެ މުޖުތަމަޢަށް ގެނެސްދިން ރަނގަޅު ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މިރޭގެ ޙަފްލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުން ކަމުގައިވާ ސަމަރު-ބުލޫ އިބްރާހީމް މަނިކް އަދި އަލް މަރްޙޫމާ ޒާހިދާ އިބްރާހީމުގެ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ދެ ބޭފުޅުންނަކީ ޒަމާނާއެކު އޭރު ރާއްޖެއަށް އަންނަމުންދިޔަ ބަދަލުތަކުގެ ތެރޭގައި އެކިއެކި ދާއިރާތަކުން ޢާންމު ރައްޔިތުން ހޭލުންތެރިކޮށް ކަންކަމަށް އަހުލުވެރިކުރުމުގައި ، އެންމެ މުހިންމު ދައުރެއް އަދާކުރެއްވި، ބްރޯޑްކާސްޓް ދާއިރާ ޚިދުމަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ދެ ބޭފުޅުންނެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ނޫސްވެރިކަން އަންނަން އޮތް ޖީލުތަކާ ހަމައަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދޭންޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި އޮތްނަމަވެސް ނޫސްވެރިން ހިފަހައްޓަންޖެހޭ އަޚްލާޤީ މިންގަޑުގެ ތެރޭގައި ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމުގައި ކުރިޔަށްދިއުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ ނޫސްވެރިންނަށް ބޭނުންވާ ހުނަރާ، ޤާބިލްކަމާ، ތަމްރީނު، ލިއްބައިދިނުމަށް ކުރިއަށްވުރެ ބޮޑަށް، މިހާރު މަސައްކަތް ކުރަންޖެހޭ ކަން ފާހަގަކުރައްވައި އެކަމުގައި ސަރުކާރާ އަދި ވަކިން ޚާއްސަކޮށް ބްރޯޑްކާސްޓިންގ ކޮމިޝަނާ، މީޑިއާ ކައުންސިލްގެ ދައުރުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.