ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދޮގު ބަޔާން ދިނުމުގެ ދައުވާ ސާބިތުކުރަން ދައުލަތުން ހެކި ހުށަހަޅައިފި އެވެ.

އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި މުއިއްޒުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތުމަށް މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބު ވަނީ ނިންމަވާފައެވެ.

މުއިއްޒުއާ ދެކޮޅަށް ދައުލަތުން ހެކީގެ ގޮތުގައި ފަސް މީހަކު ހުށަހެޅިއެވެ. އަދި ކިތާބީ ހެކި ވެސް ހުށަހެޅި އެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ ދޮގު ބަޔާން ދީފައިވާ ކަމަށް ބުނެ އެވެ.

މިއަދުގެ އަޑުއެހުމުގައި ވަނީ ދިފާއީ ހެކި ހުށަހެޅުމަށް ވެސް މުއިއްޒަށް ފުރުސަތު ދީފަ އެވެ.