ސޯޝަލް މީޑިއާގައި ބަރަހަނާ ވީޑިއޯއާއި ފޮޓޯ ޢާންމުކުރި މައްސަލައިގައި ހައްޔަރުކުރި ގ. ކަމަރާގޭ، މުހައްމަދު ނަބީލް (ޔާޔާ) އެއް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އަންހެނެއް ކަމަށް ހެދިގެން ސޯޝަލް މީޑިއާގައި ބަރަހަނާވަމުންދާ ނަބީލް ތިން ވަނަ ފަހަރަށް ހައްޔަރުކުރުމަށްފަހު، އޭނާގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލާފަ އެވެ. އެއީ އޮރިޔާންާޑު ހެދުމުގެ ކުށުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އެވެ.

އެ ޝަރީއަތުގައި ޔާޔާ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

ނަމަވެސް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި، ގަރީނާގެ މައްޗަށް ބަލައި، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެކުށް އޭނާގެ މައްޗަށް ސާބިތުވާ ކަން ކްރިމިނަލް ކޯޓުން ވަނީ ފާހަގަކޮށްފަ އެވެ. މި މައްސަލައިގައި ކޯޓުން ވަނީ އޭނާގެ މައްޗަށް އެއް އަހަރާއި އެއް މަސް އަދި ހަ ދުވަހުގެ ޖަލު ހުކުމެއް ކޮށްފަ އެވެ.

މީގެ ކުރިން ޓިކްޓޮކްގައި އޭނާ ބަރަހަނާވެ ވީޑިއޯ އާއްމުކުރުމުން އެފަހަރުވެސް ގިނަ ބައެއްގެ އަޑުއުފުލުންތަކާ އެކު އޭނާ ހައްޔަރު ކުރި އެވެ. ކޯޓުގައި ޔާޔާ ބުނެފައިވަނީ އެ ވީޑިއޯތަކުގައި ފެންނަނީ އޭނާ ނޫން ކަމަށާއި އެއީ އެޑިޓެއް ކަމަށެވެ.