އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މުގުލުގައި ތިބި މީހުންނާއެކު މިސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ހަދާފައިވަނީ އެފައިސާ ދައުލަތަށް ލިބޭ ގޮތަކަށް ނޫން ކަމަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒު ތުހުމަތު ކުރައްވައިފި އެވެ
މުއިއްޒު މިފަދަ ތުހުމަތެއް ކޮށްފައިވަނީ އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރަށްތަކުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް، ޝަރުޢީ ކޯޓުތައް މެދުވެރިކޮށް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވުމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
ރާއްޖޭގައި މުޅިން އަލަށް ފާހަގަކުރަން ފެށި ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުން ނުލިބި ހުރި ފައިސާ ހޯދަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެންމެ ބޮޑު ގޮންޖެހުމަކީ ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ބައެއް ތަންތަން، އަހަރުތަކެއް ވެގެން ދިޔައިރު ވެސް ތަރައްގީނުކުރެވި އޮތުން، އެއީ ދުރު ރާސްތާގެ ރޭވުމެއް ނެތި ދޫކޮށްފައި ހުރި ތަން ތަން. ހާއްސަކޮށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، މީގެ ހައެއްކަ އަހަރު ކުރިން ދޫކޮށްފައި ހުރި ބައެއް ރަށްތަކާއި ފަޅުތައް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ މިވާހަކަތަކަށް ރައްދު ދެއްވާ މުއިއްޒު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މުގުލުގައި ތިބި މީހުންނާއެކު މި ސަރުކާރުން އެއްބަސްވުންތައް ހަދާފައިވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބޭގޮތަކަށް ނޫން ކަމަށެވެ. އަދި ދައުލަތުގެ މަސްލަހަތު ވެސް ރައްކާތެރި ކޮށްފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވަނީ ބޮޑު ހިޔާނާތުން ގެއްލުނު ފައިސާ ހޯދުމުގެ އެންމެ މައްސަލައެއް ވެސް ކޯޓަށް ހުށަހަޅާފައި ވޭތޯ ސުވާލު ކުރައްވާފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ހިޔާނާތް ހިންގި މީހުން ދެނެގަނެ، ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެކަމަށް ހާއްސަކޮށް ރިޔާސީ ކޮމިޝަނެއް އުފައްދާފައިވާ އިރު، ހިޔާނާތުގެ މައްސަލަތައް ބަލަމުން އަންނަނީ ތަހުގީގީ އިދާރާތައް ގުޅިގެންނެވެ. އެހެން ނަމަވެސް ސަރުކާރުގެ ދައުރު ނިމެން ކައިރިވެފައި ވާއިރު ހިޔާނާތުގެ މައްސަލައިގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވެ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ހިންގި 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި، މުގުލުގައި ހުންނެވި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާ އެކު ދައުލަތުން ހެދީ ޕްލީ ބާގެއިން އެއްބަސްވުމެކެވެ. އެއީ، ކުށަށް އިއުތިރާފްވުމާ އެކު ތަހުގީގަށް އެއްބާރުލުން ދިނުމުން، ބަދަލުގައި 20 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ނާންނަ ގޮތަށް އެއްބަސްވުމެވެ.
މި އިއުތިރާފްގެ އެއްބަސްވުމާ އެކު ދައުލަތަށް ގެއްލުނު ފައިސާ އަދީބުގެ އަތުން ނުލިބޭނެ އެވެ.