މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދަނިކޮށް ހައްޔަރުކުރި މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ މާލޭގެ ފިހާރައެއްގައި ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެގޮތުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސްން ގުޅިގެން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި 45 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކުރި އެވެ.

މި މައްސަލައިގައި އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް ދިނުމަށްފަހު 30 ދުވަސް އިތުރުކޮށްފައިވެ އެވެ. އަދި އެ މުއްދަތު އިއްޔެ ހަމަވުމުން އޭނާ ވަނީ ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލާފަ އެވެ.

އޭނާ ދޫކޮށްލީ އޭނާގެ ބަލިހާލަތާއި ގުޅޭގޮތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ މަޝްވަރާގެ މަތިން އޭނާ ދޫކޮށްލުމަށް ފުލުހުންނަށް ހުށަހަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ބައެއް މާއްދާތަކަށް ރިއާޔަތް ކުރާއިރު އޭނާ ބަންދުގައި ބެހެއްޓުމުގެ ޟަރޫރާތެއް ނެތުމުން ކަަމަށް ކޯޓުން ހާމަކޮށްފައިވެ އެވެ.

އޭނާ ހައްޔަރުކުރި ފިހާރަ ބަލައި ފާސްކުރިއިރު 69 ފުޅި ބަނގުރާ ފެނުނުކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ވެސް ބަނގުރާ ކަމަަށް ބެލެވޭ އެއްޗެއްހުރި ދެ ފުޅިއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ޕާޓީ ޑްރަގް ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.