ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަލަށް ފެށި ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާޙްކޮށްދެއްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަލަށް ފަށާފައި ވަނީ ލޮލުގެ ފަރުވާ އާއި ދަތުގެ ފަރުވާ އާއި ކަރުންމަތީގެ ބަލިތަކުގެ ފަރުވާގެ އިތުރުން އެކްސްރޭގެ ޚިދުމަތާއި ފިޒިއޮތެރަޕީއާ ޑަޔަލަސިސްގެ ޚިދުމަތްތައް ކަމަށެވެ.

މިޚިދުތްތައް އިފްތިތާޙްކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެޚިދުމަތްތައް ދިނުމަށް ތައްޔާރުކުރެވިފައިވާ ކޮންސަލްޓޭޝަން ރޫމްތަކާއި އިންތިޒާމްތައް ބައްލަވާލައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. އޭގެ އިތުރުން އެ ސިއްޙީ މަރުކަޒުން ޚިދުމަތް ހޯދުމަށް މަރުކަޒުގައި ތިބި ބައެއް އާއްމުންނާއިވެސް ނައިބު ރައީސް ބައްދަލު ކުރައްވާފައިވާކަމަށް އެ އޮފީހުން މައުލޫމާތުދެ އެވެ.

މިޚިދުމަތްތައް އިފްތިތާޙްކުރުމުގެ ގޮތުން ސ އަތޮޅު މަދަރުސާގެ ހޯލުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވާހަކަދައްކަވާފައިވާއިރު، މިސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ސިއްޙީ ޚިދުމަތްތައް ފުޅާކުރުންކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އަދި ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަލަށް މިފެށުނު ޚިދުމަތްތަކަކީ، ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ފައިސަލް ވަނީ މިއީ އެދެރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވިދާޅުވެފަ އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސިއްޙީ ޚިދުމަތައް ތަރައްޤީކުރުމުގެ އިތުރު މަސައްކަތްތައް ރޭވި ހިނގަމުންދާނެ ކަމަށެވެ.

އެގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމާއި، އަތޮޅުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ބިނާކުރުމުގެ މަޝްރޫޢުތައް ރޭވި ހިނގަމުންދާކަން އެމަނިކުފާނު ވަނީ އާންމުންނާއި ހިއްސާކުރައްވާފަ އެވެ. މީގެ އިތުރުންވެސް އައްޑޫ ސިޓީގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގެމުންދާކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ.