ފުލުހުން އެންމެ އިސްކަމެއް ދޭންވީ، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމަށް، އައްޑޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ފުލުހުންގެ އިދާރާއަކީ ބޮޑު އާއިލާއެއްކަން، ކޮންމެ ފުލުހަކު ވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ. އަދި އެ އާއިލާގެ ބަދަހި ކަމާއި ރީތި ނަން ދެމެހެއްޓުމަކީ، ކޮންމެ ފުލުހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެންމެ ފުލުހަކަށް ހެދޭ ގޯހަކުން ވެސް މުޅި މުއައްސަސާގެ އަގުވެއްޓިދާނެކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ. އަދި ފުލުހުންނަކީ މުޖުތަމައުގެ އެއްބައި ކަމަށާއި ފުލުހުންނާ މެދު ރައްޔިތުން ފޮނި އުއްމީދުތަކެއް ކުރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުން ފޮނި އުންމީދުތައް ކުރަނީ މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމުކޮށްދިނުމަށް ކަމަށާއި އުއްމީދުތައް ހަގީގަތަކަށް ހެދުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ފުލުހުންނަށް ދޭ ތަމްރީނުތައް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ އެންމެ އިސް ވާޖިބަކަށް ވާން ޖެހޭނީ ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުން ކަމަށާއި ފުލުހުންގެ ކޮންމެ އޮފިސަރަކީ ވެސް އެ މީހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރައްޔިތުންގެ އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ނެގެހެއްޓުމަށް މަސައްކަތް ކުރާ ފުލުހަކަށް ވުމަށް އެދޭ ކަމަށެވެ.

"ދިވެހި ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލްކަމާއި ޤާބިލުކަމާމެދު ބައިނަލްއަގުވާމީ މުޖުތަމައުގައި ވެސް އިތުބާރާއި ޔަގީންކަން މިއަދު އެބައޮތް. އިންޓަޕޯލުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ބައިނަލްއަގުވާމީ ސުލަހައާއި ހަމަޖެހުން ގާއިމުކުރުމުގައި މުހިއްމު މަސައްކަތްތަކެއްކޮށް، އެހެން ގައުމުތަކަށް މިސާލުދައްކަމުން،" ރައީސް ވިދާޅުވި އެވެ.

ފުލުހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށާއި ގޮންޖެހުންތަކާއެކު ވެސް އެތަކެތި އެތެރެކުރުމާއި އޭގެ ވިޔަފާރި ކުރުން ހުއްޓުވުމަށް ފުލުހުންނާއި ތަންފީޒީ އިދާރާތަކުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.