ކްރޮސް ސެކްޓަ އެއްބާރުލުން އަލުން އާކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރިޕަބްލިކް އޮފް ސާބިއާގެ ރައީސް އަލެކްސާންޑަރް ވޫޗިޗްއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ މިހާރު ކުރިޔަށްދާ އދ. ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގަ އެވެ. މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ގަތަރުގެ ވެރިރަށް ދޯހާއަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހު އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ސާބިއާގެ ރައީސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ އެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.
މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ސާބިއާގެ ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި އެ އެއްބަސްވުންތަކާ އެކު ކުރިއަށް ދާން ޖެހޭ ކަން ފާހަގަކުރައްވާފަ އެވެ. އަދި މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެބޭފުޅުން ވެސް ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިކުރުމަށާއި، ކްރޮސް ސެކްޓަ އެއްބާރުލުން އަލުން އާކުރުމަށް އުންމީދު ކުރައްވާކަމުގައި ފާހަގަކުރައްވަމުންނެވެ.