ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކްރިސްޓިއަން ދީނުގެ ދުވަހެއް ކަމަށްވާ ކްރިސްމަސް ފާހަގަ ކުރާ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން މިރޭ ދީފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ކްރިސްމަސް ފާހަގަކުރުމަށް އެއްވެސް ހަރަކާތެއް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކުރިއަށް ނުގެންދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުން މަނާ ކަމެއްކަން ފުލުހުން ހަނދާންކޮށްދިނެވެ.

"ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ހަރަކާތެއް ނުހިންގުމަށާއި މިފަދަ ހަރަކާތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން ބައެއް ރަށްރަށުގެ ގެސްޓްހައުސްތަކުގައި ކްރިސްމަސް ފާހަގަ ކުރުމުގެ ޝަކުވާތައް އާންމުން ކުރުމުން ފުލުހުން ހުއްޓުވާފައިވެ އެވެ. އެކަމަކު، ރާއްޖޭގެ ރިސޯޓުތަކުގައި ކުލަ ގަދަކޮށް ކްރިސްމަސް ފާހަގަ ކުރެ އެވެ.