ޓިޝޫ ކަމަށް ބުނެ އޮޅުވާލައިގެން ރާއްޖެ އެތެރެކުރަން އުޅުނު ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ވަނީ އެތަކެތި އަތުލައިގެންފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އެގޮތުން، މި ޝިޕްމަންޓަކީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ރާއްޖެ އައި ޝިޕްމަންޓެއް ކަމަށާއި، އެ ޝިޕްމަންޓްގައި ޑިކްލެއާ ކޮށްފައިވަނީ 343 ކާޓަން ޓިޝޫ ޕޭޕަރުގެ ނަމުގައި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސް އިން ބުނީ ރާއްޖެ އެތެރެކުރާ މުދަލުގެ ލިޔެކިއުން ނިންމުމާއި ބަލައި ފާސްކުރުމުގެ ކަންކަން ކަސްޓަމްސްއިން ކުރަނީ ރިސްކް މެނޭޖްމަންޓް ނިޒާމުގެ ތެރެއިން ކަމަށެވެ. އެގޮތުން ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޝިޕްމަންޓްގައި ހިމެނޭ މުދަލުގެ ރިސްކް އެކުލެވޭ މިންވަރަށް ރިއާޔަތްކޮށް ބަލައި ފާސްކުރުމުގެ ކަންކަން ކުރިއަށްގެންދާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

މި މަހުގެ 13 ވަނަ ދުވަހު ޝިޕްމަންޓް ބަލައި ފާސްކޮށްފައިވަނީ ޝައްކު އުފެދޭ ކަންކަން ހުރިކަމަށް ދުރާލައި ލިބުނު އިންޓެލިޖެންސް މައުލޫމާތުތަކާ ގުޅިގެން ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސް އިން ބުނީ އެ އިދާރާގެ ކަމާގުޅޭ އެކި ސެކްޝަންތައް ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަންގައި ޝިޕްމަންޓްގައި ހިމެނޭ މުދާ ބަލައި ފާސްކުރިއިރު 143 ކާޓަންގެ ޓިޝޫއާއެކު 200 މާސްޓާ ކާޓަންގެ ސިނގިރޭޓު ވެސް ފެނިފައިވާ ކަމަށެވެ. އަދި ޖުމްލަ އަތުލައިގަތް ސިނގިރޭޓުގެ އަދަދު 3،199،200 އަށް އަރާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.

މި ޝިޕްމަންޓުގައި ހިމެނޭ މުދާ ކަސްޓަމަސްއިން ހިފަހައްޓައި ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށްކަސްޓަމްސް އިން ބުނެ އެވެ.

ރާއްޖެއަށް އެތެރެކުރެވޭ މުދަލާ ގުޅޭގޮތުން ކަސްޓަމްސްގެ ގާނޫނު ތަންފީޒުކުރުމުގައި ފަސް ނުޖެހޭނެ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.