ޕޮލިސް ބޯޑުގެ ނިންމުމެއްގެ ދަށުން ފުލުހުންގެ ވަޒީފާއިން ވަކިކުރި ދެ އެސިސްޓެންޓް ކޮމިޝަނަރުން ކަމަށްވާ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދަށް ފުލުހުންގެ ވަޒީފާ އިޔާދަކޮށްދީފި އެވެ.
ފުލުހުން ބުނީ އެ ދެ ބޭފުޅުންގެ ވަޒީފާ އިޔާދަކޮށްދިނީ ކޯޓުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ކަމަށެވެ. އެ ދެ ބޭފުޅުން ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
ސިވިލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް ދައުލަތުން އަދުނުއިންސާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރާ ކަމަށް ބުނެ އެ ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.
އެހެންވެ އެ މައްސަލަ އިތުރަށް އިސްތިއުނާފީ މަރުހަލާގައި ކުރިއަށްނުގެންދަން ފުލުހުންގެ އިދާރާ އިން ނިންމި އެވެ.
ފުލުހުންގެ އާ ގާނޫނާ އެކު އުފެއްދި ޕޮލިސް ބޯޑުން 2022 ވަނަ އަހަރު އެ ދެ ބޭފުޅުންގެ އިތުރުން ފަސް ބޭފުޅަކު ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި އެވެ. އެއީ ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދެވެ.
އެ ބޭފުޅުންގެ ތެރެއިން ޝުހާދު ވަކިކުރަން ނިންމުމުން އޭނާ ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވެފަ އެވެ. ބާކީ ތިބި ހުރިހާ ބޭފުޅުންނަށް ވަނީ ފުލުހުންގެ ވަޒީފާ ދީފަ އެވެ.
އެ ބޭފުޅުންގެ ތެރެއިން އަބްދުﷲ ޝަރީފް މިހާރު ވަނީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް ޕްރޮމޯޓްކޮށްފަ އެވެ.