ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު އެންމެ ފުރިހަމައަށް ލިބިދީފައިވާ ގައުމަކީ ރާއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މިއަދު ފާހަގަކުރާ، މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ޚިތޯބެއްގައި ރައީސް ވިދާޅުވީ އޭޝިޔާ ސަރަޙައްދަށް ބަލާއިރު، ރާއްޖެއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު، މިހާރު އެންމެ ފުރިހަމައަށް ލިބިދީފައިވާ، އަދި އެ ޙައްޤުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމުކަމާ މެދަކު ޝައްކެއް ނެތް ކަމަށެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ޙިމާޔަތްކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، ކުރިމަގުގައިވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިދޭނެކަން މި ފުރުޞަތުގައި ޔަޤީންކޮށްއަރުވަމެވެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިނިވަން ނޫސްވެރިކަމަށް ފުރުޞަތު ދިނުމަކީ، ސަރުކާރު ޒިންމާދާރު ކުރުވައި، ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ހަމައެފަދައިން، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ކޮރަޕްޝަނާއި ޚިޔާނާތުގެ އަމަލުތައް ނައްތައިލުމަށްޓަކައިވެސް، ނޫސްވެރިކަމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ފުރިހަމަ މިނިވަންކަން ފަހިކޮށްދީފައި އޮތުން އެހާމެ މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭގެ އިތުރުން، ކުރިއަރާފައިވާ ޑިމޮކްރެސީތަކުގައި ޤާއިމުވެފައިވާ ފަދަ، ޒިންމާދާރު ނޫސްވެރިކަމެއް ޤާއިމުކުރެވޭނީވެސް، ނޫސްވެރިކަން ހިފެހެއްޓުމުގެ ބަދަލުގައި، ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ދިނުމުންކަން، މިދިޔަ ތިން އަހަރުގެ ތަޖުރިބާއިން ކަށަވަރުވެއެވެ،" ރައީސް ވިދާޅުވި އެވެ.

ވަރަށް ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި މީގެ ތިން އަހަރު ކުރިން އޮތް ދިވެހި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު މިއަދު އެމަނިކުފާނު އުފާކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ނޫސްވެރިންނަށް ފަހިކޮށްދިން މިނިވަން މާޙައުލުގެ ސަބަބުން، ދިވެހި ނޫސްވެރިންގެ ފަރާތުން ފެންނަމުން ދަނީ، ޒިންމާދާރުކަމާއެކު އެބޭފުޅުންގެ ވާޖިބު އަދާކުރައްވައި، ރައްޔިތުންނަށް ކަންކަމުގެ ތެދު މަޢުލޫމާތާއި ޙަޤީޤަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މަންޒަރު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ތެރެއިން ރައްޔިތުންނާ ހަމައަށް ތިލަކުރުމަކީ، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމަށްވެސް ލިބޭ ނުހަނު ބޮޑު ބާރެކެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައި އޮތަސް، ކޮންމެ ނޫސްވެރިއެއްގެ ކޮނޑުގައި ވަރަށް މަތިވެރި ޤައުމީ މަސްއޫލިއްޔަތެއް އެޅިފައިވާކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ. އެއީ، ޙަޤީޤަތާއި ތެދު މަޢުލޫމާތު ހާމަކުރުމާއި، އަނެކުންގެ އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ޙިމާޔަތްކޮށްދިނުން ކަމަށް ވެސް ވިދާޅުވި އެވެ.

" ކިތަންމެ ފުރިހަމަ މިނިވަންކަމެއް ލިބިފައި އޮތަސް، އެ ރޮނގު ހުރަސްކުރުމަކީ ތަހުޒީބީ އެއްވެސް މުޖުތަމަޢެއް ޤަބޫލުކުރާނެ ކަންކަމެއް ނޫނެވެ. ހަމައެފަދައިން ޤައުމީ ބޮޑެތި މައްސަލަތަކާ މެދު ޢާންމު ރައްޔިތުން ހޭލުންތެރިކޮށް، ޤައުމީ ލޯތްބާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަކީވެސް، ނޫސްވެރިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކެކެވެ،" ރައީސް ވިދާޅުވި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ތިބުމަށްފަހު، ދިރިއުޅުމުގެ ޢާންމު ޙާލަތަކަށް މިއަދު ނުކުމެވިފައި ތިބިއިރު، މި ނުރައްކާތެރި ބަލިމަޑުކަމާ މެދު ރައްޔިތުން ހޭލުންތެރިކުރުމަށް، ރާއްޖޭގެ ހުރިހާ ނޫސްވެރިން އެއްބައެއްގެ ގޮތުގައި ތިބެ ކުރި މަސައްކަތް ހަނދާންކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކުރިމަގުގައިވެސް ދިވެހި ޤައުމަށް ކުރިމަތިވާ މިފަދަ ބޮޑު ކޮންމެ ކަމެއްގައި، ދިވެހި ނޫސްވެރިންގެ ފަރާތުން މިފަދަ ޒިންމާދާރު ޤައުމީ ޚިދުމަތްތައް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.