ހުޅުމާލޭގައި އިމާރާތްކޮށްފައިވާ މިސްކިތް، "މަސްޖިދު ރަޝީދު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް ހުޅުވައިދެއްވައިފިއެވެ. އެމަނިކުފާނު މި މިސްކިތް ހުޅުވައިދެއްވާފައި ވަނީ މިރޭ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

"މަސްޖިދު ރަޝީދު" އަކީ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ ބައްޕާފުޅު އަލް މަރްޙޫމް ޢަބްދުއްރަޝީދުގެ ހަނދާނުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތަކީ 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތަކީ އަންހެނުންނަށް ވަކިން ނަމާދުކުރޭގޮތަށް އިންތިޒާމު ހަމަޖައްސާފައިވާ މިސްކިތެކެވެ.

މި މިސްކިތް ހުޅުވައިދެއްވުމަށްފަހު، ރައީސް ސޯލިހު ވަނީ މިސްކިތް ބައްލަވާލައްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ މި މިސްކިތުގައި ކުރި މިރޭގެ ޢިޝާ ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި މިސްކިތް ބިނާކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ) އިންނެވެ.

މިސްކިތް ހުޅުވުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައި އާރުސީސީގެ ފަރާތުން ވަނީ މި މިސްކިތުގެ މޮޑެލްއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފަ އެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ނައިބު ރައީސް ފައިޞަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. ޢަހްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.