މާލެ އިން 17 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފި އެވެ.

މައުލޫމާތު ލިބޭގޮތުގައި ގެއްލިގެން ހޯދަނީ ސ. ފޭދޫ އަށް ނިސްބަތްވާ އާމިނަތު ޒާރާ ރިޔާޒް އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މާލެއިން އަންހެން ކުއްޖަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް މިދިޔަ އާދިއްތަ ދުވަހު ކޮށްފައިވާ ކަމަށެވެ. އަދި ޒާރާ ހޯދުމުގެ މަސައްކަތް އެ އިދާރާއިން ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

"ވަގުތު" ނޫހަށް ޒާރާގެ އާއިލާއިން ބުނިގޮތުގައި އެންމެ ފަހުން ޒާރާ ފެނިފައިވަނީ އާދިއްތަ ދުވަހު އެވެ. އެ ދުވަހުގެ މެންދުރުހާއިރު، ރަހުމަތްތެރިއެއްގެ ގެއަށް ދިއުމަށް ގެއިން ނިކުތް ކަމަށާއި، އެންމެ ފަހުން ޒާރާއާ ވާހަކަދެކެވިފައިވަނީ އެރޭގެ 9 ޖަހާއިރު، އޭނާގެ މަންމައާ ވައިބާއިން ކަމަށް، އާއިލާއިން ބުނެފައިވެ އެވެ.

ޒާރާ ހޯދުމަށް އޭނާގެ އާއިލާއިން، ހުރިހާ ރަހުމަތްތެރިންނަށް ގުޅި ކަމަށާއި، އެހެންނަމަވެސް ފަހުން އޭނާވީ އެއްވެސް ތަނެއްގެ މައުލޫމާތު ލިބިފައިނުވާ ކަމަށް އާއިލާއިން ބުނެފައިވެ އެވެ.

"އަޅުގަނޑުމެން އެ ރައްޓެހި ކުއްޖާ ކައިރީގައި އެހީމަ ބުނި ޒާރާ އެރޭ ރަސްފަންނަށް ދަނީއޭ ބުނެފައި އެ ގެއިން ދިޔަކަން. އެރޭ މަންމަ މެސެޖް ކުރީމަ ޒާރާ ބުނީ އެހެން ރަހުމަތްތެރިއެއްގެ ގެއަށްދަނީ އޭ. ދެން މަންމަ ގުޅި އެ ރަހުމަތްތެރިޔާއަށް. އޭނާ ބުނި އެ ގޭގައި އެކަކުވެސް ނޫޅެއޭ،" ޒާރާގެ ދައްތަ ބުނެފައިވެ އެވެ.

ޒާރާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ނޫ ކުލައިގެން ޖިންސަކާއި، ކަޅު ކުލައިގެ މަތިކޮޅެކެވެ.