ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދިފާޢުގައި ރ.ދުވާފަރުގައި ހިނގާލުމެއް ބާއްވައިފި އެވެ.

''މަގޭ ނަބިއްޔާ'' ގެ ނަމުގައި ދުވާފަރުގައި ހިނގާލުމެއް ބޭއްވީ އިއްޔެގެ ހަވީރުގެ ވަގުތެއްގަ އެވެ. އަދި މި ހިނގާލުން އިންތިޒާމްކޮށްފައިވަނީ އެރަށުގެ އިސްލާމިކް މޫވްމަންޓުންނެވެ.

ދުވާފަރުގައި ބޭއްވި އެ ހިނގާލުމަކީ ފަހަކަށް އައިސް ރަސޫލާއާއި އިސްލާމްދީނަށް ފުރައްސާރަކުރުން ރާއްޖޭގައި އިތުރުވަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އެރަށުގެ ރައްޔިތުން ބޭއްވި ހިނގާލުމެކެވެ. އަދި މި ހިނގާލުމުގައި އެރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.

އެ ހިނގާލުމާއި ގުޅިގެން، ހިނގާލުން އިންތިޒާމްކުރި ދުވާފަރު އިސްލާމިކް މޫވްމަންޓުން ބުނީ، މާތް ރަސޫލާއަށާއި، އިސްލާމް ދީނަށް ފުރައްސާރަކުރުން އެ ރަށުގައި ދިރިއުޅޭ އާންމުން އެންމެ ހިނދުކޮޅަކަށްވެސް ބަލައެއް ނުގަންނާނެ ކަމަށެވެ. އަދި ދީނަށް ފުރައްސާރަ ކުރާ މީހުންނާއި ދެކޮޅަށް އެމީހުން ތިބިކަން އަބަދުވެސް މުޅި ދުނިޔެއަށް އަންގައިދޭނެކަމަށް ބުނެފައިވެ އެވެ.

ހަމައެހެންމެ އިސްލާމް ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކާއި ދެކޮޅަށް ސަރުކާރުން ފިޔަވަޅު ނޭޅުމާއި ގުޅިގެން އެރަށުގެ އިސްލާމިކް މޫވްމަންޓުން ކަންބޮޑުވުން ފާާޅުކޮށްފައިވެ އެވެ.